އެންމެ މަޝްހޫރު އަންހެން ނަމަކީ "ސޯފިއާ"
އެންމެ މަޝްހޫރު އަންހެން ނަމަކީ "ސޯފިއާ"

އަލަށް އުފަންވާ އަންހެންކުދިންނަށް ކިޔާ ނަން ނަމުގެ ތެރެއިން މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު ނަމަކީ ސޯފިއާ އެވެ.

ބޭބީނޭމްވިޒާޑް ޑޮޓްކޮމްގެ ހޯދުމަކުން ދެއްކި ގޮތުގައި ދުނިޔޭގެ އަށް ގައުމެއްގައި މިއީ އެންމެ ގިނައިން ކިޔާފައިވާ ނަމެވެ.

ނަމަވެސް އިނގިރޭސި ވިލާތުގައި މި ނަން އުޅެނީ 29 ވަނައިގަ އެވެ.

މި ސައިޓްގެ ފައުންޑަރު ލޯރެން ވޮޓެންބާގްގެ މި ހޯދުމަށް ކުޑަކުދިންނަށް 49 ގައުމެއްގައި ކިޔާ ނަންތަކުގެ ތަފާސްހިސާބު އެއްކޮށްފައިވެ އެވެ.

ސޯފިއާ އަކީ ގްރީކް ނަމެކެވެ. މެކްސިކޯ، ރަޝިޔާ، އާޖެންޓީނާ، އިޓަލީ، ސްވިޒަލެންޑް، އެސްޓޯނިއާ، ޗިލީ އަދި ސްލޮވާކިއާގައި މި ނަމަކީ ކުދިންނަށް ކިޔަން އެންމެ ގިނަ ބެލެނިވެރިން ޝައުގުވެރިވާ ނަމެވެ.

އަދި 20 ގައުމެއްގައި މި ނަން އެންމެ މަގްބޫލު ތިން ނަމުގެ ތެރޭގައި ހިމެނެ އެވެ. މި ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ. ނަމަވެސް އެމީހުން ސޯފިއާގެ ނަމުގެ ސްޕެލިން ލިޔަނީ އެފްގެ ބަދަލުގައި ޕީއެޗް ޖަހައިގެންނެވެ.

"ވަރަށް ތަފާތު ބަސް ބަހުން ވާހަކަ ދައްކާ ތަފާތު ސަގާފަތުތަކެއް ގެންގުޅޭ އެތައް ގައުމެއްގެ ބަޔަކަށް ވެސް މި ނަން އެންމެ މަގްބޫލު ނަމަށް ވުމީ އަހަރެންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމެއް،" ލިވްސައިންސަށް ވޮޓެންބާގް ބުނެފައިވެ އެވެ.

ސޯފިއާގެ ގްރީކް މާނަ އަކީ ހިކުމަތްތެރި އެވެ. އަދި މިއީ ތަފާތު ބަހުރުވަތަކުގެ މީހުންނަށް ވެސް ދުލަށް ފަސޭހަ ނަމެކެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި ނަން އެހާ މަގްބޫލުވީ މި ސަބަބާ ހުރެ ކަމަށް ބެލެވެ އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި "މޮޑާން ފެމެލީ"ގެ ތަރި ސޯފިއާ ވާގާރާ އާއި ސޯފިއާ ލޯރެން ފަދަ ބަތަލާއިންގެ ސަބަބުން މި ނަން މާ ބޮޑަށް މަޝްހޫރުވުމަކީ ގިނަ ކުދިންނަށް މި ނަން ކިޔަން މައިންބަފައިން ޝައުގުވެރިވާ ސަބަބަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.