ބަޖެޓް ފާސްކުރަން ނެގީ ޣައިރު ގާނޫނީ ވޯޓެއް، ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި: އިދިކޮޅު ފަރާތްތައް
ބަޖެޓް ފާސްކުރަން ނެގީ ޣައިރު ގާނޫނީ ވޯޓެއް، ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި: އިދިކޮޅު ފަރާތްތައް

ސަރުކާރުން ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ނެގީ ޣައިރު ގާނޫނީ ވޯޓެއް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

ބަޖެޓް ފާސްކުރަން ނެގީ ޣައިރު ގާނޫނީ ވޯޓެއް، ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި: އިދިކޮޅު ފަރާތްތައް
ބަޖެޓް ފާސްކުރަން ނެގީ ޣައިރު ގާނޫނީ ވޯޓެއް، ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި: އިދިކޮޅު ފަރާތްތައް

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓު ފާސްކުރީ ހަމައެކަނި ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ބައިވެރިނުވާން އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އިދިކޮޅު ގިނަ މެމްބަރުން ކޮމިޓީގައި ބަޖެޓުގެ ބަހުސް މަރުހަލާގައި ވެސް ބައިވެރިއެއް ނުވެ އެވެ.

މ. ކުނޫޒްގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ޣައިރު ގާނޫނީ ޖަލްސާއަކުން ބަޖެޓެއް ފާސްނުކުރެވޭނެ ކަމަށެވެ. މަޖިލީހުގެ ރައީސް ކަމުގައި، އަބްދުﷲ މަސީހު އިންނަވައިގެން ނަގާ އެއްވެސް ވޯޓެއްގެ ގާނޫނު ހައިސިއްޔަތެއް މިހާރު ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ. ގައި ވަރަށް ސާފުކޮށް ބުނަނީ ރައްޔިތުން އަމަލުކުރަން ޖެހޭ ވޯޓެއް ނެގޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ހާޒިރުވެގެންނޭ. ވޯޓު ނެގިއިރު މަޖިލީހުގެ އަޣުލަބިއްޔަތު ހާޒިރެއް ނުވޭ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ވެސް ފެނުނީ ސަރުކާރަށް އަޣުލަބިއްޔަތު ގެއްލިފައި އޮތް ތަނެވެ. ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ބައިވެރިވީ 29 މެމްބަރުން ކަން ފާހަގަކުރައްވައި، އިބޫ ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން އަދިވެސް ތިބީ ސަރުކާރާ ދެކޮޅަށް ކަން މިއަދު ވެސް ސާފުވެފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ 2018 އަށް ލަފާ ކުރާ ބަޖެޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރީ ރައްޔިތުންނަށް މުހިއްމު ވެގެންނެއް ނޫނެވެ. އާއްމު ގޮތެއްގައިި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަނީ ގައުމަށް ވަރަށް ބޭނުންތެރި ހާލަތްތަކެއްގައި ކަން ވެސް އިބޫ ފާހަގަކުރެއްވި އެވެ. އެކަމަކު ސަރުކާރުން މި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ ރައްޔިތުންނަށް އެއްވެސް ފައިދާ ހުރި ކަންތައްތަކަކަށް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓުގައި ކަންބޮޑުވާން ޖެހޭ އެތައް ކަމެއް އެބަހުއްޓެވެ. އޭގައި ޖަހާފައިވާ އަދަދުތަކަކީ ވެސް ހިތުހުރި ގޮތަކަށް ޖަހާފައިވާ "ހުވަފެނީ" އަދަދުތަކެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅުގައި އޮތް އަޣުލަބިއްޔަތާ އެކު ބޭނުން ނަމަ، ބަޖެޓް ފާސްކުރަން ދެކޮޅު ހެދުނީސް ކަމަށާއި އެކަމަކު އެކަން ނުކުރީ ބަޖެޓުގައި ރައްޔިތުންގެ ސިއްހީ ހިދުމަތަށް ފައިސާ ބޭނުންވާ ކަމަށް ހިމަނާފައި ވުމުން އެކަމާ ދެކޮޅު ނުހަދަން ވެގެން ކަމަށް އިބޫ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ބައި އިލެކްޝަންތައް ބާއްވަން ސަރުކާރުން އުޅެނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އެކަމަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިގެން ފައިސާ ހޯދަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ގޮނޑިއެއް ހުސްވެފައި ނުވާއިރު، މަޖިލީހުގެ ބައި އިލެކްޝަނަށް ފައިސާ ހިމަނާފައި ވަނީ ކޮން ދާއިރާއެއްގެ އިންތިހާބު ބާއްވަންތޯ ފިނޭންސް މިނިސްޓަރާ ސުވާލު ކުރެއްވި ކަމަށެވެ. ޖަވާބުގައި، ބައި އިލެކްޝަނަށް 26 މިލިއަން ރުފިޔާ ހިމެނީ އިލެކްޝަންސް ކޮމިޝަނުން އެދިގެން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

"އީސީން ފޮނުވީމަ ފައިސާ ހިމެނީ ކަމަށް މިނިސްޓަރު ވިދާޅުވުމުން އެބަ އެނގޭ ފިނޭންސް މިނިސްޓަރުގެ ޒިންމާވެސް އަދާކުރައްވާފައި ނުވާކަން،" ރިޔާޒް ވިދާޅުވި އެވެ.

"މަޖިލީހުގައި މިއަދު ވެސް ފެނިގެން މިދިޔައީ ގާނޫނާ ޚިލާފަށް ކަންތައްތަކެއް ހިނގައިދިޔަ ތަން، ގާނޫނީ އުސޫލުތަކުން ބޭރުން ކަންކަން ކުރި ތަން. ސަޕްލިމެންޓްރީ ބަޖެޓުގައި އާސަންދަ އަށް ފައިސާ ހިމަނާފައި އޮތީމަ އަޅުގަނޑުމެން ކުރާ ސުވާލެއް މިއީ ފައިސާ އަށް ވަނީ ކިހިނެއްތޯ؟"

އޭނާ ވިދާޅުވި ގޮތުގައި އާސަންދަ މެދުވެރިކޮށް ބޮޑެތި ޖަރީމާތައް ހިންގާކަން، ރައީސް އޮފީހުން ހިންގި އޮޑިޓަކުން ވެސް ސާފުވެފައި އޮތް ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ. އެކަން އެނގިވަޑައިގަތުމުން، އެތަނުގައި އިސްކޮށް ހުންނަ މީހާ ބަދަލުކުރެއްވިއަސް ނިޒާމްތައް ބަދަލުނުކުރެއްވާ ކަމަށް ވިދާޅުވެ ރިޔާޒް ކަންބޮޑުވުންފާޅުކުރެއްވި އެވެ.

"އެހެންވީމަ މި އެނގެނީ، ރާވައިގެން ހިންގާ ކުށްތަކެއްކަން މިއީ. ރައީސް ޔާމީނަށް ފައިދާ ނުވާ ކޮންމެ ތަނެއްގައި ނުވަތަ އެތަނަކާ ހަވާލުވެގެން ހުންނަ މީހާ ޖަރީމާ ހިންގަނީ ބައި ނާޅާ ކަމަށް ފެންނަ ކަމަށް ވަންޏާ އެ މީހަކު ވަކިކުރާތަން މި ފެންނަނީ،" ރިޔާޒް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ފާހަގަކުރެއްވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަނީ ރައްޔިތުންނަށް ބޭނުންވާ މުހިއްމު ކަންކަމުގަ އެވެ. އެކަމަކު މިފަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓަށް ވޯޓު އެހީ ސަރުކާރުން ބޭނުންވި ގޮތަށް، އެއްވެސް މެމްބަރަކަށް އެއާމެދު ވިސްނަން ވެސް ފުރުސަތު ނުދެއްވައި ކަމަށް ވިދާޅުވި އެވެ.

"ބައި އިލެކްޝަން ބާއްވަން 26 މިލިއަން ރުފިޔާ ކަނޑައަޅާފައި އެބައޮތް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ، ބާއްވަން ނުޖެހޭ އިލެކްޝަނެއް،" އަނާރާ ވިދާޅުވި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގައި ވަރަށް ސުވާލު އުފެދޭ، އަދަދުތަކެއް ޖަހާފައި ހުރި ކަމަށެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ މި އަހަރުގެ ބާކީ އޮތް ތަނަށް، ފުލުހުންގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ހޯދުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.