އާދައިގެ ވަޒީފާތަކަށް ރީތި މީހުން ނެގުން މަދު
އާދައިގެ ވަޒީފާތަކަށް ރީތި މީހުން ނެގުން މަދު

ވަޒީފާ ދިނުމުގައި ރީތި މީހުންނަށް އިސްކަންދޭ ކަމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު މިއީ އޭގެ އަނެއްކޮޅެވެ. މި ހޯދުމުގައި ބުނަނީ ދަށް މުސާރަ ލިބޭ ވަޒީފާއަކަށް ރީތި މީހަކު ކުރިމަތި ލައިފި ނަމަ އެ މީހަކަށް އެ ވަޒީފާއެއް ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިނގިރޭސި ވިލާތުގެ ލަންޑަން ބިޒްނަސް ސްކޫލުން ހެދި މި ދިރާސާގައި 750 މީހުން ބައިވެރިކޮށްގެން ހަތަރު އެކްސްޕެރިމެންޓެއް ހެދި އެވެ. މީގައި ޔުނިވަސިޓިގައި ކިޔަވާ ކުދިންނާއި ވަޒީފާ ދިނުމުގެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ މެނޭޖަރުން ހިމެނެ އެވެ.

ބައިވެރިންނަށް ދައްކާފައި ވަނީ ވަޒީފާއެއް ހޯދަން ބޭނުންވާ ދެ ކެންޑިޑޭޓުންގެ ފޮޓޯ ޖަހާފައިވާ ދެ ޕްރޮފައިލެކެވެ. މިތަނުން އެކަކީ ވަރަށް ރީތި މީހެކެވެ. އަނެކަކީ ރީތި މީހެއް ނޫނެވެ.

ވަޒިފާއަށް ކުރިމަތިލި މީހުންނާ ބެހޭ ގޮތުން އެމީހުން ދެކޭ ގޮތް ބެލުމަށްޓަކައި ޚާއްސަކޮށް ފަރުމާކޮށްފައިވާ ސުވާލުތަކެއް ބައިވެރިންނާ ކުރި އެވެ.

މީގެ ތެރެއިން ތިން އެކްސްޕެރިމެންޓެއްގައި ކުރި ސުވާލުތަކުގެ ތެރޭގައި ވަޒީފާއަށް އެދުނު މީހުންގެ ތެރެއިން ބޮޑު މުސާރަ ލިބޭ ވަޒީފާތަކަށް ލާނީ މިތަނުން ކޮން ބައެއްތޯ އާއި ދަށް ވަޒީފާތަކަށް ނަގާނީ ކޮން ބައެއްތޯ ހިމަނާފައިވެ އެވެ.

"އަހަރެމެންގެ މި ހޯދުމުން އެނގުނު ގޮތުގައި ސުވާލުކުރި މީހުންގެ ތެރެއިން، ދަށް މުސާރަ ލިބޭ ވަޒީފާތަަކަން ނަގަން ގިނަ މީހުން ވިސްނީ ސިފަ ހުތުރު މީހުން. ބޮޑު މުސާރަ ލިބޭ ރަނގަޅު ވަޒީފާތަައް ދޭން އެމީހުން ވިސްނީ ރީތި މީހުންނަށް. އަހަރެމެންގެ ހޯދުމުން ދައްކާ ގޮތުން ވަޒީފާ ދިނުމުގެ ކަންކަމާ ހަވާލުވެގެން ތިބޭ މެނޭޖަރުންނަށް ވެސް މިގޮތަށް ވިސްނޭ،" ދިރާސާގައި މަސައްކަތް ކުރެއްވި ރިސާޗަރަކު ވިދާޅުވި އެވެ.

ރީތި މީހުންނަށް ބޮޑެތި ވަޒީފާ ދިނުމަށް ވިސްނޭ އެއް ސަބަބަކީ ދަށް މުސާރަ ލިބޭ ވަޒީފާތައް އެހާ ރީތި މީހުން ގަބޫލު ނުކުރާނެކަމަށް މި ދިރާސާގެ ބައިވެރިންނަށް ގަބޫލު ކުރެވިފައި އޮތުމެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި މިފަދަ ތަފާތުކުރުންތައް ނައްތާލެވޭނީ ވަޒީފާތަކަށް މީހުން ނެގުމުގެ މަރުހަލާގައި ބަލާ މިންގަނޑުތަކަށް ބަދަލު ގެނެސްގެންނެވެ.