ފާރިސްގެ ޝަރީއަތް މަޑުޖައްސާލަން ދައުލަތުން ދެކޮޅު ހަދައިފި
ފާރިސްގެ ޝަރީއަތް މަޑުޖައްސާލަން ދައުލަތުން ދެކޮޅު ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ދެކޮޅު ހަދައިފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސަށް ކުރާ ދައުވާގެ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގައި ޝަރީއަތް މަޑުޖައްސާލަން އެދުނީ އެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރިން ނިންމި ނިންމުންތަކެއް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާތީ އެވެ.

ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ނިންމި ނިންމުމާއި ފާރިސް ބަންދުން ދޫނުކުރަން ނިންމި ނިންމުމެވެ. އެހެންވެ އެ މައްސަލަތަކާ މެދު ހައި ކޯޓުން ގޮތެއް ނިންމަންދެން ޝަރީއަތް މަޑުޖައްސާލަން ފާރިސްގެ ވަކީލުން އެދުނެވެ. ޝަރީއަތް ކުރިއަށް ގެންގޮސްފި ނަމަ ހައި ކޯޓުން މައްސަލަ ނިމޭ ގޮތަކުން ފާރިސްގެ ހައްގުތަކެއް ގެއްލިދާނެ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.

އެ ހުށަހެޅުމަށް ދެކޮޅުހައްދަވައި، ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޝަރީއަތް ފަސްކޮށްފި ނަމަ ދައުލަތުގެ ހެކިވެރިން ހާޒިރުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ފާރިސަކީ ބަންދުގައި ހުންނެވި ބޭފުޅަކަށް ވާއިރު ބަންދުގައި ތިބޭ މީހުންގެ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ވަކި މުއްދަތެއްގެ ތެރޭގައި ފަށަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމްކުރާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.

އެ މުއްދަތު އަންނަ މަހުގެ 5 ގައި ހަމަވާނެ ކަމަށް ވިދާޅުވެ، ވަކީލާ ވަނީ ޝަރީއަތް ފަސްކުރަން ދެކޮޅުހައްދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފާރިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ބަލައިގަތްކަން ކަށަވަރު ނުވަނީސް އެ ޝަރީއަތް މަޑުޖައްސާލަން ޖެހޭތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި، ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ވަކި މުއްދަތެއްގެ ތެރޭގައި ފަށަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތަސް ދައުވާ ލިބޭ މީހާ އެދިއްޖެ ނަމަ އެއަށް ވުރެ ލަހުން ވެސް ޝަރީއަތް ފެށޭނެ ކަމަށް ގާނޫނުގައި އެބަ އޮތް ކަމަށެވެ. އަދި ފާރިސް ބަންދުގައި ބެހެއްޓީ ދައުލަތުގެ އެދުމަކަށް ކަން ފާހަގަކުރައްވައި، ދައުލަތުން މަސައްކަތް ކުރަނީ އަވަހަށް ފާރިސަށް ހުކުމް ކުރަންތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.

"ވެދާނެ ނޮވެމްބަރު 11 އަންނަން ވާއިރަށް ފާރިސްގެ މައްޗަށް ހުކުމެއް ކުރަން ދައުލަތުން މަސައްކަތް ކުރަނީ ކަމަށް،" މައުމޫން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށަން ޖެހޭނެ މުއްދަތު ގުނާއިރު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ހިނގާ ވަގުތު ނުގުނޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އެހެންވެ އަންނަ މަހުގެ 5 ގެ ކުރިން ޝަރީއަތުގެ އަސްލު އަޑުއެހުންތައް ނުފެށުމަކީ ގާނޫނާ ޚިލާފް ކަމަކަށް ނުވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީއަތުގެ ކުރިން އިތުރު ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދިނުމަށް ފާރިސްގެ ފަރާތުން އެދުމުން ވެސް އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ. އެކަމަށް އިތުރު ފުރުސަތު ދިނުމަށް ފާރިސްގެ ފަރާތުން އެދުނީ އޭނާ ބަންދުގައި ހުރުމުން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ހެކި ހާމަކުރުމުގެ އަމުރެއް ނެރެ ދިނުމަށް ވެސް ފާރިސްގެ ފަރާތުން ހުށަހެޅި އެވެ. އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނީ ހޯދަން އެދިފައިވާ ބައެއް ލިޔުންތައް ދެވިދާނެ ކަމަށާއި އެކަމަކު އަނެއް ބައި ލިޔުންތަކަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެއްޗަކަށް ނުވާތީ އެ ތަކެތި ނުދެވޭނެ ކަމަށެވެ.

މައްސަލައާ ގުޅިގެން ދޫކުރަން ފެންނަ ހުރިހާ ލިޔުމެއް މީގެ ކުރިން ދޫކޮށްފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ފާރިސްގެ ފަރާތުން ޖުމްލަ 22 ހުށަހެޅުމެއް ހުށަހަޅާއިރު އޭގެ ތެރެއިން ކޯޓުގައި މިހާތަނަށް ބަހުސް ކުރެވިފައިވަނީ އެންމެ ނުވަ ހުށަހެޅުމަކަށެވެ. ބާކީ ހުރި ހުށަހެޅުންތަކާ މެދު ބަހުސް ކުރުމަށް އަންނަ މަހު 5 ގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.