26 އޮކްޓޯބަރ 2017 - 13:23

އިސްލާމްއާބާދު (އޮކްޓޯބަރު 26) - ސުޕްރީމް ކޯޓުގެ ނިންމުމަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ގެއްލުނު ނަވާޒް ޝަރީފް ހައްޔަރު ކުރަން އެ ގައުމުގެ ކޯޓަކުން މިއަދު އަމުރު ނެރެފި އެވެ.
އަނބިކަނބަލުން ކުލްސުމް ނަވާޒް ކެންސަރުގެ ފަރުވާ ހޯއްދަވާތީ ނަވާޒް ޝަރީފް މި ވަގުތު ހުންނެވީ ލަންޑަނުގަ އެވެ. ކޮރަޕްޝަނުގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމުގެ އަމުރު މި މަހު ކުރީކޮޅު ނެރުނު ފަހުން ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައިގެންފައެއް ނުވެ އެވެ.
ނަވާޒް ޝަރީފުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ޒާފިރް ޚާން ވިދާޅުވީ ނަވާޒް ޝަރީފު ހައްޔަރު ކުރުމުގެ އަމުރު އެކައުންޓެބިލިޓީ ކޯޓުން ނެރުނީ ކޮރަޕްޝަނުގެ ދެ މައްސަލައެއްގައި ކަމަށެވެ. އަދި ޝަރީއަތް ވަނީ ނޮވެމްބަރު 3 އާ ހަމައަށް މެދުކަނޑާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަވާޒް ޝަރީފް މަގާމުގައި ހުންނެވުމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ޖުލައި މަހު 28 ވަނަ ދުވަހު ކަނޑައެޅީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލާފައިވާ ކޮރަޕްޝަންތަކާ ގުޅިގެންނެނެވެ. މިއީ ޕާކިސްތާނުގެ 70 އަހަރުގެ ތާރީޚުގައި ބޮޑު ވަޒީރުކަމުގެ މަގާމުގެ މުއްދަތު ހަމަނުވަނީސް މަގާމުން ދުރުކުރި 15 ވަނަ ބޮޑު ވަޒީރެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ސިޔާސީ މަގާމަކަށް ވަޑައިގަތުން ވެސް ނަވާޒް ޝަރީފަށް ވަނީ މަނާކޮށްފަ އެވެ.
ނަވާޒް ޝަރީފް މަގާމުން ދުރުކުރުމުން އެމަނިކުފާން ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށްވާ ޝާހިދު ހައްގާން އައްބާސީ އަށް ވަނީ ބޮޑު ވަޒީރުކަން ދެއްވައިފަ އެވެ. ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން ލާހޯރުން ހުސްވި ޕާލަމެންޓުގެ ގޮނޑިއަށް އެމަނިކުފާންގެ ކޮއްކޯ އަދި ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޝަހުބާޒް ޝަރީފް ވާދަކުރައްވާނެ ކަމަށް ކުރިން ބެލި ނަމަވެސް ފަހު ވަގުތު އެ ފުރުސަތު ދީފައި ވަނީ ކުލްސުމް ނަވާޒަށެވެ. އަދި ކުލްސުމް ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
ނަވާޒް ޝަރީފަށް ސިޔާސީ ކަންކަމުގައި ނޫޅުއްވޭނެތީ ޕާޓީގެ ލީޑަޝިޕް ޝަހްބާޒް އަށް ހަވާލު ކުރުމަށް އިންޓަ-ޕްރޮވިންޝަލް ކޯޑިނޭޝަން މިނިސްޓަރު ރިއާޒް ޕިރްޒާދާ މިދިޔަ ހަފުތާގައި ވަނީ ގޮވާލައްވައިފަ އެވެ.