26 އޮކްޓޯބަރ 2017 - 17:35

އުމުރުން 70 އަހަރުގެ މުނީރާ ހަސަން އިނީ ބޮނބި ތެޅުމުގައި އަވަދިނެތި އެވެ. ގޭގައި އެ މަސައްކަތް ނުކުރާ ހަނދާނެއް އޭނާގެ ނެތެވެ. އެހެންކަމުން ކުޅުދުއްފުށީ ކުޅިއާ މުނީރާގެ އާއިލީ މަސައްކަތް ގުޅިފައި އޮތީ އެހާމެ ބޮޑަށެވެ. އެކަމަކު ކޮންމެ ދުވަހަކުހެން ގޮސް އުޅުނު ކުޅި ސަރަހައްދު ނޫން އެހެން ތަނެއްގައި އެކަން ކުރާނެ ގޮތް މިހާރު ވަނީ ހޯދަން ޖެހިފަ އެވެ.

ގާތްގަނޑަކަށް 12 ހެކްޓަރުގެ ކުޅީގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ އެވެ. އެހާ ހިސާބުން މުނީރާ އާއި ބޮނބި ފާކުރަން ކުޅި ބޭނުންކުރަމުން އަންނަ އެތައް ސަތޭކަ ބަޔަކަށް ދެން ޖެހޭނީ އެހެން ގޮތެއް ހޯދާށެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް ހަދަން ސަރުކާރުން ބޭނުންވާކަން އެނގުނުތާ މިހާރު ހަތަރު އަހަރު ވަނީ އެވެ. އެކަމަކު އޭގެ އަމަލީ މަސައްކަތް ނުފަށާތީ ގިނަ ބައެއްގެ ހަނދާނުން ކުޅި އޮތީ ނެތިފަ އެވެ. ތިމާވެއްޓަށް ލޯބިކުރާ މީހުން އެ މައުލޫއު ތެރެއަށް ވެއްދީ އެމްޓީސީސީން 35 މިލިއަން ޑޮލަރު ހޭދަކޮށްގެން ބޭރުގައި ބަން ބޮޑު ކޮންނަބޯޓު "މަހާ ޖައްރާފު"ގެ ފުރަތަމަ މަސައްކަތަކީ ކުޅުދުއްފުށީ ކުޅި ހިއްކުން ކަމަށް އިއުލާންކުރުމުންނެވެ.

މަހާ ޖައްރާފު މިހާރު އޮތީ، 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ، ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ. އަދި ކުޅިއާ ގުޅިފައިވާ އެކި ކަންކަމުގެ ތެރެއަށް ނޫސްވެރިން ވަނީ ވަދެފަ އެވެ.
އެވަރުގެ ބޮޑު ގުދުރަތީ ހާއްސަ ތަނަކާ ރަށު ރައްޔިތުން އެކި ގޮތްގޮތުން ގުޅިފައި އޮންނާނެ އެވެ. އޭގެ ތެރެއިން ވެސް އާމްދަނީ ހޯދުމުގެ މަސައްކަތުގައި ކުޅި ބޭނުންކުރަމުން އަންނަ އަންހެންވެރިންގެ ރޯނުވެށުމުގެ ދާއިރާ ހާއްސަ ގޮތެއްގައި ފާހަގަކުރެވެ އެވެ.
މުނީރާގެ މާމަމެން ވެސް ބޮނބި ފާކުރަން އެރުނީ އެ ކުޅިއަށެވެ. ރޯނުވެށުމުގެ މަސައްކަތުގައި 45 އަހަރު ހޭދަކޮށްފައިވާ މުނީރާ ވެސް ދަނީ އެތަނަށެވެ. އޭނާ ބުނާ ގޮތުގައި ފާކުރަން ހައެއްކަ މަސް ދުވަސް ވަންދެން ކުޅީގައި ބޮނބި ބަހައްޓަ އެވެ.
ކުޅީގެ އެކި ހިސާބުތަކުގައި ބޮނބި ފާތައް، އެކި އަންހެނުން، ވަނީ ހަދާފަ އެވެ. ރޯނުވެށުމުގެ މަސައްކަތް ފެށޭ ހިސާބަކީ މި އެވެ.
ރާއްޖޭގެ ނިސްބަތުން ވެސް އެއް ރަށަކުން އެންމެ ގިނައިން ރޯނު ވަށައި ވިއްކަނީ މި ރަށުގަ އެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނާ ގޮތުގައި ރޯނު ވަށައިގެން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 300،000 ރުފިޔާގެ އާމްދަނީއެއް ރަށަށް ވަދެ އެވެ. އެހެންކަމުން މިއީ ވަރަށް ފޯރިއާ އެކު މިރަށު މީހުން ކޮށް އުޅޭ މަސައްކަތެކެވެ.
"ރޯނު ބޮނޑިއެއް މި ވިއްކަނީ 160ރ އަށް. މާލެ ފޮނުވައިފިއްޔާ އެއަށް ވުރެ ވެސް ބޮޑު އަގު ޖެހޭ،" މުނީރާ ބުންޏެވެ.
އެވަރުގެ އާމްދަނީއެއް ލިބޭތީ މި ރަށުގެ ދެ ޖިންސުގެ އެތައް ބަޔަކު އެ މަސައްކަތް ކުރެ އެވެ.
ކުޅުދުއްފުށީގެ ހިތްގައިމު ކުޅި ކައިރިއަށް މިއަދު ގޮސްލުމުން ބައެއް މީހުންގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. ފާކުރަން ބަހައްޓާފައި ހުރި ބޮނބިތައް ޕިކަޕުތަކަށް އަރުވައިގެން އެއް ބަޔަކު ގެންދަނީ އެވެ. އެތައް އަހަރެއް ވީ ބޮނބި ފާތަކުގެ ޒަމާން ނިމުނީ އެވެ.
ރޯނުވެށުމުގެ މަސައްކަތް ކުރާ ހަދީޖާ އަލީ ބުނިގޮތުގައި ރޯނު ވިއްކައިގެން މަހެއްގެ މައްޗަށް 10،000 ރުފިޔާގެ އާމްދަނީއެއް ލިބެ އެވެ. އެކަމަކު ކުޅި ހިއްކުމާ އެކު އެ މަސައްކަތް ހުއްޓޭނެ ކަމަށް އޭނާ ބުންޏެވެ.
ހަދީޖާ އާއި މި ރަށު އެހެން ބައެއް މީހުން ވެސް ގަބޫލުކުރަނީ ކުޅި ނުހިއްކައި ވެސް ރަށުގައި އެއާޕޯޓް އެޅެން އެބަ އޮތް ކަމަށެވެ.
"އެ އޮތީ މިރަށު ފުއްޓަރު ފަރާތް. އެތަން ހިއްކައިގެން އެޅީމާ މާ ބޮޑު އެއާޕޯޓެއް އެޅޭނެ. ކުޅި ނުހިއްކާ އެބަ އޮތް އެއާޕޯޓް އެޅެން،" ހަދީޖާ ބުންޏެވެ.
އެކަމަކު އެއީ ވަރަށް މަދު ބައެއްގެ ވިސްނުން ހުރި ގޮތެވެ.
ރޯނުވެށުމުގެ މަސައްކަތްކުރާ 300 މީހުން މީގެ ދެތިން ދުވަސް ކުރިން ވަނީ ރަށު ކައުންސިލް އިދާރާއަށް އެއްވެފަ އެވެ. އެ މީހުންގެ އެދުމަކަށް ވީ ބޮނބި ފާކުރާނެ އެހެން ތަނެއް ދެއްކުމެވެ.
ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ އެކަން ކޮށްދޭން ފަސޭހަ ނޫން ކަމަށެވެ. ނަމަވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބޮނބި ފާކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ބޮނބި ފާކުރާ މެޝިނަރީސް އެބަހުރި ލަންކާ، އިންޑިއާގައި. އެއް ދުވަހުން އެ މަސައްކަތް ކުރެވޭ ކަހަލަ. އެހެންވީމަ އެގޮތަށް އެކަން ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އެހެން ނޫނީ ދެން އޮތީ ޒަމާންވީ މަސައްކަތް އެރަށު ރައްޔިތުންގެ ދިރިއުޅުމާ ވަކިވުމެވެ.
ކައުންސިލްގެ މައިގަނޑު ވިސްނުމަކީ ކުޅި ހިއްކައިގެން ނަމަވެސް ރަށުގައި އެއާޕޯޓް އެޅުމެވެ. އެހެންކަމުން ރޯނުވެށުމުގެ މަސައްކަތްކުރާ މީހުން އަވަސްވެގަންނަންވީ، ނުވަތަ ކައުންސިލުން ވެސް ބަލަންވީ، އެހެން ގޮތެއް ހޯދައިދޭށެވެ.
ރަށުގެ ގިނަ މީހުންގެ ނަޒަރުގައި އެއާޕޯޓެއް މުހިންމެވެ. މުނީރާ އަކީ އޭގެ ތެރެއިން އެކެކެވެ.
"އަހަންނަށް މައްސަލައެއް ނެތް [ކުޅި] ނެގިޔަސް. ދެން ބޮނބި ހުސްވީމަ ރޯނު ވެށުން ހުއްޓާލާނީ،" މުނީރާ ބުންޏެވެ.