26 އޮކްޓޯބަރ 2017 - 11:58

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ޓީމަކީ އއ. މާޅޮސް ކަމަށާއި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނައިރު ނިއު ރޭޑިއަންޓުން އެކަން ވަރަށް ބޮޑަށް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
ލީގުގައި ރޭ ދ. ކުޑަހުވަދޫ އަތުން 4-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް 25 ޕޮއިންޓާ އެކު އެއް ވަނަ އަށް އަރާފައިވާއިރު 24 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ނިއު މިރޭ ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެއް ވަނަ އަށް އެރޭނެ އެވެ.
"މާޅޮސް ވަނީ ދެ ވަނަ ބުރުގައި ވަރަށް ބޮޑަށް ކުރިއެރުން ހޯދާފައި. އަނެއްކާ އެ ޓީމު އެއޮތީ ވަރަށް ރަނގަޅު ފޯމެއްގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިފި. އޭގެ ތެރެއިން އެއް ޓީމަކީ ވަރުގަދަ ޓީމެއް ކަމަށްވާ ގްރީންސްޓްރީޓްސް. އެހެންވީމާ އެކަން އަހަރެމެން އެބަޖެހޭ ހަނދާންކުރަން ޖެހޭ. އެ ޓީމުގެ މުހިއްމު ކުޅުންތެރިން ދެނެގަނެ އެ ކުޅުންތެރިން ހުއްޓުވައި، އަހަރެމެންގެ ގޭމް އެބަޖެހޭ ކުޅެން،" އޮސްކާ ބުންޏެވެ.
ނިއު ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވެފަ އެވެ. މިއީ އޮސްކާގެ ވެސް ރެކޯޑެކެވެ. އޭނާ ބުނީ ބާކީ އޮތް ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެން ލީގު ކާމިޔާބުކުރެވޭނެ ކަމަށާއި އެހެންކަމުން މިއީ ވަރަށް މުހިއްމު ދަނޑިވަޅެއް ކަމަށެވެ.
އޮސްކާ ބުނީ ލީގުގެ ފޭވަރިޓަކީ ނިއު ކަމަށް ބުނަން ބޭނުންނުވާ ކަމަށާއި އެކަމަކު އެންމެ ފުރުސަތު ބޮޑީ އޭނާގެ ޓީމަށް ކަމަށާއި އެކަމަކު އެކަން އޮތީ ޓީސީގެ އަތްމަތީގައި ކަމަށެވެ.
"އަހަރެން ނުބުނަން އަހަރެމެންނަކީ ފޭވަރިޓުންނޭ. އެކަމަކު މި ވަގުތު ރަނގަޅު މަގާމެއްގައި އޮތީ ނިއު. އެކަމަކު ޓީސީގެ އަތްމަތީގައި ވެސް ފުރުސަތު އެބައޮތް. އަހަރެމެން އަތުން ޓީސީ މޮޅުވެއްޖެ ނަމަ އެ ޓީމަށް ފުރުސަތު އޮންނާނީ. އަނެއްކާ އަހަރެމެން ގޯސްތަކެއް ހަދައިފިއްޔާ މާޒިޔާ ވެސް ހޯދަފާނެ ތަށި. ހެދޭ ގޯހަކުން މިކަން ބަދަލުވާނެ،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ މި ވަގުތު އޭނާ ޓީމަށް އެންމެ ބޮޑު ވާދައެއްކުރަނީ ޓީސީ ކަމަށާއި އެކަމަކު އެއްވެސް ޓީމެއް ދެކެ ބިރު ނުގަންނަ ކަމަށެވެ. އަދި ނިއު އިން އެ ޓީމުގެ ގޭމް ކުޅެފި ނަމަ އެހެން ޓީމުތަކުން ބިރު ގަންނަން ޖެހޭނީ ނިއު ދެކެ ކަމަށް އޭނާ ބުންޏެވެ.
"ލީގު ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ވަރަށް އުނދަގޫ ހަނގުރާމައެއް މިއީ. އެކަމަކު އަހަރެމެންނަށް އެބައޮތް ހަތަރު މެޗުން މޮޅުވެ މިކަން ކުރެވެން. އެހެންވެ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ. އަދި އޭގެ ފުރަތަމަ އިމްތިހާން މިއޮތީ މާޅޮހާ ދެކޮޅަށް،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރު މުހައްމަދު ފައިސަލާއި އިމްރާން މުހައްމަދު ފެންވަރު ދާދި ހަމަހަމަ ކަމަށާއި މި ވަގުތު އޭނާ އިމްރާނަށް ފުރުސަތު ދެނީ ޓީމަށް ލީޑަރެއް ބޭނުންވާތީ ކަމަށެވެ.