ކަރަން ޖޯހަރް ދެކެ ޖާންވީ ކަޕޫރު ހިތްހަމަނުޖެހިފައި؟
ކަރަން ޖޯހަރް ދެކެ ޖާންވީ ކަޕޫރު ހިތްހަމަނުޖެހިފައި؟

މަޝްހޫރު ބަތަލާ ޝްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފްކޮށްދިނުމުގެ ޒިންމާ އޭނާގެ މައިންބަފައިން ހަވާލުކޮށްފައިވާ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ދެކެ ޖާންވީ ހިތްހަމަނުޖެހިގެން އުޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ކަރަން މިހާރު އަންނަނީ ޖާންވީގެ ފުރަތަމަ ފިލްމު އުފެއްދުމުގެ ތައްޔާރީތައް ވަމުންނެވެ. ޖާންވީ ހިތްހަމަނުޖެހިގެން އުޅެނީ ފިލްމު އިއުލާންކޮށް ފެށުން ލަސްވަމުންދާތީ ކަމަށްވެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖާންވީ އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތަރް ލައްވާ ކަރަން ކުޅުވަން ހަމަޖެހިފައިވަނީ މަރާޓީ ސުޕަހިޓް ފިލްމެއް ކަމަށްވާ "ސައިރަތު"ގެ ރިމޭކެކެވެ. މި ފިލްމު ފެށުމުގެ ކުރިން ނެށުމާއި އެކްޓިންގެ ޓްރޭނިންތައް އިޝާން އާއި ޖާންވީއަށް ކަރަން މިހާރު ދެމުންދާ އަންނަ ކަމަށްވެ އެވެ. އަދި އިޝާންއާ އެކު ވަގުތު ހޭދަކޮށް ދެ މީހުންގެ ކެމިސްޓްރީ ރަނގަޅުކުރަން މަަސައްކަތްކުރަން ވެސް ކަރަން އިރުޝާދު ދީފައިވާ ކަމަށްވެ އެވެ.

ކަރަން ބުނި ގޮތަށް ޖާންވީ އާއި އިޝާން އެކުގައި މަސައްކަތްކުރާތާ މިހާރު ފަސް މަހެއްހާ ދުވަސްވެއްޖެ އެވެ. ނަމަވެސް އަދިވެސް ކަރަން ފިލްމެއް އިއުލާނެއް ނުކުރެ އެވެ. ޖާންވީ ހިތްހަމަނުޖެހުނީ މިކަމާ އެވެ. އަދި މިކަމާ ބެހޭ ގޮތުން ކަރަން އާ ވާހަކަ ދައްކަން މަންމަ ޝްރީދޭވީގެ ކިބައިން ޖާންވީ ވަނީ އެދިފަ އެވެ.

ޖާންވީ އެދުނު ގޮތަށް ޝްރީދޭވީ ވަނީ ފިލްމާ ގުޅޭ މައުލޫމާތު ހޯދައިފަ އެވެ.

ޖާންވީގެ ފިލްމު ނޫނަސް "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ވެސް ކަރަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އޭނާ ހަމައެކަނި އިއުލާންކުރީ އެ ފިލްމުގެ ބަތަލަކީ ޓައިގާ ޝްރޮފް ކަމެވެ. އެ ފިލްމަށް ބަތަލާއިން އަދި ހަމައެއް ވެސް ނުޖެހެ އެވެ.

ކަރަން ދާދި ފަހުން ވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސްގެ އެހެން ބައެއް ފިލްމުތައް އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި އަޔާން މުކަރުޖީ ޑައިރެކްޓްކޮށް އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އަދި އަމީތާބު ބައްޗަން ލީޑް ރޯލު ކުޅޭ "ބްރަހްމަޝްތުރަ" އާއި އަކްޝޭ ކުމާރުު ބަތަލުގެ ރޯލު އަދާކުރާ "ކެސާރީ" ހިމެނެ އެވެ.