27 އޮކްޓޯބަރ 2017 - 06:03

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގެ ލަވަތަކުގެ ތެރެއިން ދީޕިކާ ޕަދުކޯންގެ ފަރި ހަރަކާތްތަކެއް ފެނިގެންދާ "ގޫމަރް" ލަވަ ބުދަ ދުވަހު ރިލީޒްކުރުމާ އެކު ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.
އެއްބަޔަކު ބުނެފައި ވަނީ މި ލަވަ ކޯރިއޮގްރާފްކޮށްފައިވާ ގޮތް ވަރަށް މޮޅު ކަމަށެވެ. ދީޕިކާގެ ރީތި ހަރަކާތްތަކަށް ވެސް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.
އަނެއް ބަޔަކު ބުނެފައި ވަނީ މިހާ ފުރިހަމަ "ގޫމަރް" ލަވައެއް އަދި ނުދެކޭ ކަމަށާއި ބާންސާލީ އާއި ދީޕިކާ އަދި ރަންވީރު ގުޅިގެން ތައްޔާރުކުރަނީ ޖާދޫއެއް ފަދަ ފިލްމުތައް ކަމަށެވެ.
"ޕަދްމާވަތީ" ރިލީޒްކުރަން މަހެއްހާ ދުވަހަށް ވެފައި ވާއިރު މިއީ މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެެެވެ. މީގެ ހަފުތާއެއް ކުރިން ފިލްމުގެ ފުރަތަމަ ޓްރެއިލާ ނެރުމުން އެއަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެ އިޝްތިހާރުގައި ދީޕިކާ އާއި ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ހުށަހަޅައިދީފައިވާ ގޮތުން ވަރަށް ގިނަ ބަޔަކު އަންނަނީ މި ތިން ތަރިންނަށް ވެސް ތައުރީފު ކުރަމުންނެވެ.
ޑިސެމްބަރު 1 ގައި ރިލީޒްކުރާ މި ފިލްމުން ފުރަތަމަ ރިލީޒްކުރި "ގޫމަރް" އަކީ ކުރީ ޒަމާނުގައި ރާޖަސްތާނު ރަސްދަރިކަނބަލުންނާއި ރާނީން ނަށާ އުޅުނު ރާޖިސްތާން ސްޓައިލްގެ ޑާންސް ޕާފޯމަންސެކެވެ. ލަވައިގައި ހަރަކާތްތެރިވާ މީހުންގެ ކޮސްޓިއުމްގެ ރީތިކަމާއި ލަވަ ޝޫޓްކޮށްފައިވާލެއް ރީތިކަމުން ލަވައަށް އިތުރު ފުރިހަމަކަމެއް ލިބިފައިވެ އެވެ.
މި ލަަވަ ޝޫޓްކުރި ދުވަސް ހަނދާން ކުރަމުން ދީޕިކާ ބުނީ ލަވަ ޝޫޓްކުރަން ސެޓަށް ފުރަތަމަ ދިޔަ ދުވަހު އޭނާ އަކީ ޕަދްމާވަތީ ކަމަށް އިހްސާސްވާ ވަރު ވި ކަމަށެވެ. މިހާރުގެ ފިލްމުތަކުގައި ހުންނަ ނެށުންތަކާ މި ނެށުން ވަރަށް ތަފާތުކަން ދީޕިކާ ފާހަގަ ކުރި އެވެ. މި ނެށުމުގައި އޭނާއަށް ޖެހެނީ އަތަށާއި ފަޔަށް ވަރަށް މަޑުމަޑު، ނަމަވެސް ފަރި ހަރަކާތްތަކެއް ގެންނާށެވެ. އަދި އެތައް ފަހަރަކު، ޚާއްސަ ގޮތަކަށް އެނބުރެން ވެސް ޖެހުނެވެ.
ދީޕިކާ މި ލަވަޔަށް ނަށާފައި ވަނީ ވަރަށް ބަރު ހެދުމާއި ގަހަނާ އަޅައިގެންނެވެ.