ނަޕޯލީ އެއް ވަނަ އަށް އެރިއިރު މިލާނަށް މޮޅެއް
ނަޕޯލީ އެއް ވަނަ އަށް އެރިއިރު މިލާނަށް މޮޅެއް

ޖެނޯވާ، އިޓަލީ (އޮކްޓޯބަރު 26) – ޖެނޯއާ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް ރޭ ނަޕޯލީ އަލުން އެރިއިރު ކިއޭވޯ ވެރޯނާ އަތުން 4-1 އިން މޮޅުވެ އޭސީ މިލާނުން މޮޅުނުވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސްފި އެވެ.

ނަޕޯލީ އެއް ވަނަ އަށް އެރީ 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 26 ޕޮއިންޓާ އެކު އޮތީ އިންޓަ އެވެ. މި ދެ ޓީމު ލީގުގައި ކުޅުނު 10 މެޗުން އަދި ބައްޔެއް ނުވެ އެވެ. ތާވަލުގެ ތިން ވަނައިގައި 25 ޕޮއިންޓާ އެކު އޮތީ ރޭ ސްޕަލް އަތުން 4-1 އިން މޮޅުވި ޗެމްޕިއަން ޔުވެންޓަސް އެވެ. ހަތަރު ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ލާޒިއޯ އެވެ. އެ ޓީމު ވަނީ ރޭ ބޮލޯނިއާ އަތުން 2-1 އިން މޮޅުވެފަ އެވެ.

ޖެނޯއާ އާއި ނަޕޯލީ ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި އަޑެލް ޓާރަބްޓް ވަނީ ޖެނޯއާ އަށް ލީޑު ނަގައިދީފަ އެވެ. ނަޕޯލީ ފަހަތުން އަރައި މޮޅުވީ ޑްރިއެސް މާޓިންސް ޖެހި ދެ ލަނޑާއި ޖެނޯއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު އެވެ. ޖެނޯއާގެ ދެ ވަނަ ލަނޑު މެޗުގެ ފަހުކޮޅު ޖެހީ އާމަންޑޯ އިޒޯ އެވެ.

ސްޕަލް އަތުން އަމިއްލަ ދަނޑުގައި ޔުވެންޓަސް 4-1 އިން މޮޅުވިއިރު ލަނޑު ޖަހައިދިނީ ފެޑެރިކޯ ބާނަޑެސްކީ އާއި ޕައޮލޯ ޑިބާލާ އާއި ގޮންޒާލޯ ހިގައިން އަދި ހުއާން ކުއަޑްރާޑޯ އެވެ. ސްޕަލްގެ ހަމައެކަނި ލަނޑު ޖެހީ އަލްބާޓޯ ޕަލޮސްކީ އެވެ.

އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އެއް މެޗު އެއްވަރުވެފައިވާ އޭސީ މިލާން ރޭ ރަށުން ބޭރުގައި ކިއޭވޯ އަތުން މޮޅުވެ މިހާރު ވަނީ 16 ޕޮއިންޓާ އެކު އަށް ވަނަ އަށް އަރައިފަ އެވެ. ރޭ އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސޫސޯ އާއި ހަކާން ޗަނައޮގްލޫ އަދި ނިކޮލާ ކަލިނިޗެވެ. އަނެއް ލަނޑަކީ ކިއޭވޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިލާނަށް ދެން އޮތީ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.