ވަޒީފާ ގެއްލުމުގެ އެއް ސަބަބަކީ ޖިރޫ ނުލިބުން: ކޫމަން
ވަޒީފާ ގެއްލުމުގެ އެއް ސަބަބަކީ ޖިރޫ ނުލިބުން: ކޫމަން

ލިވަޕޫލް (އޮކްޓޯބަރު 27) - އެވަޓަން ކޯޗުކަމުން ވަކިވުމުގެ އެއް ސަބަބަކީ ޓްރާންސްފާ މާކެޓްގައި އާސެނަލްގެ ފޯވާޑް އޮލިވިއޭ ޖިރޫ ނުލިބުން ކަމަށް ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފި އެވެ.

މަގާމާ ހަވާލުވިތާ 16 މަހަށް ފަހު ކޫމަން ވަނީ އެވަޓަން ކޯޗުކަމުން ވަކިކޮށްފަ އެވެ. މި ސީޒަނުގައި ކޫމަންގެ އިރުޝާދުގެ ދަށުން ލީގުގައި އެވަޓަން ކުޅުނު ނުވަ މެޗުން ލިބުނީ އަށް ޕޮއިންޓެވެ. ކޫމަން މަގާމުން ވަކިކުރީ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 5-2 އިން ބަލިވެ އެ ޓީމު ރެލިގޭޝަނަށް ވެއްޓުމުންނެވެ.

މިދިޔަ ސީޒަނުގައި ކޫމަންގެ ޕްލޭނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ރޮމެލޫ ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް ބޮޑު އަގުގައި ބަދަލުވުމުން ކޫމަން ބޭނުންވީ އެ މަގާމަށް ޖިރޫ ގެންނާށެވެ. ކޫމަން ބުނީ ޖިރޫ ފުރަތަމަ އެވަޓަނަަށް އަންނަން އެއްބަސްވި ކަމަށާއި އެހެން ނަމަވެސް ފަހު ވަގުތު ހިޔާލު ބަދަލުވީ ކަމަށެވެ.

"ޖިރޫއާ އަހަރެން މަޝްވަރާ ކުރިން. އޭނާ އެވަޓަންއާ ގުޅެން އެއްބަސްވި. އޭނާ އަކީ އަހަރެންގެ ޕްލޭނުގެ އެންމެ ބޮޑު ޓާގެޓް. އެކަމަކު އެންމެ ފަހު ވަގުތު އޭނާ ނިންމީ ލަންޑަންގައި ދިރިއުޅެން. އާސެނަލްގައި މަޑުކުރަން. އެއީ ހަޖަމްކުރަން އުނދަގޫ ކަމަކަށްވީ. އެއީ އެވަރުގެ ސްޓްރައިކަރެއް ނުލިބޭނެތީ،" ކޫމަން ބުންޏެވެ.

މި ސީޒަނަށް ތައްޔާރުވުމަށް އެންމެ ގިނަ ކުޅުންތެރިން ގެނައި އެއް ކްލަބަކީ އެވަޓަން އެވެ. އެ ޓީމުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި 149 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އެ ޓީމަކީ އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި ހަ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރި ޓީމެވެ.

އެވަޓަން އިން ގެނައި އެޓޭކިން ކުޅުންތެރިންގެ ތެރޭގައި ވޭން ރޫނީ، ނިކޮލަ ވްލަސިޗް އަދި ސަންޑްރޯ ރަމިރޭޒް ހިމެނެ އެވެ. ކޫމަން ބުނީ މި ކުޅުންތެރިންނަކީ އޭނާގެ ޕްލޭނުގައި ފުރަތަމަ ބޭނުންވި ކުޅުންތެރިން ނޫން ކަމަށެވެ.

މި ވަގުތު ފުޓްބޯޅައާ ދުރުގައި ހުރި ނަަމަވެސް ވަރަށް އަވަހަށް އެހެން ޓީމަކާ ހަވާލުވުމުގެ ފުރުސަތު އެބައޮތް ކަމަަށް ކޫމަން ވަނީ ބުނެފަ އެވެ.