26 އޮކްޓޯބަރ 2017 - 10:27

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 26) - މިއަންމާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން މަސައްކަތް ކުރަން ފަށައިފި އެވެ.
އޭއެފްޕީ ނިއުސް އެޖެންސީ އަށް ކޮޕީ ލިބިފައިވާ ގަރާރު ޑްރާފްޓްކޮށްފައި ވަނީ ފްރާންސާއި އިނގިރޭސި ވިލާތުންނެވެ. މި ގަރާރުގައި ވަނީ މިއަންމާގައި ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި ބަންގްލަދޭޝްގެ ވަގުތީ ކޭމްޕްތަކުގައި އުޅޭ ރޮހިންޖާ މީހުން އަނބުރާ ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. ހަ ސަފްހާގެ ގަރާރުގައި މިއަންމާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިންޒާރު ދީފައެއް ނުވެ އެވެ. ނަމަވެސް ވަރުގަދަ ޑިމާންޑްތަކެއް އެ ގައުމަށް ކޮށްފައިވެ އެވެ.
މިއީ މިއަންމާ މައްސަލާގައި ސަލާމަތީ މަޖިލީހުން އަޅާ ފުރަތަމަ ފިޔަވަޅެވެ. ޑިޕްލޮމެޓުން ބުނާ ގޮތުގައި ސަލާމަތީ މަޖިލީހުގައި ގަރާރުގެ ބަހުސްގައި ޗައިނާ އިން ވަރަށް ބޮޑަށް ދެކޮޅު ހަދާނެ ކަމަށް ބެލެވެ އެވެ.
"މި މައްސަލާގައި ޗައިނާގެ ދެކޮޅު ހެދުން ވަރަށް ބޮޑުވާނެ. މިއަންމާ މައްސަލާގައި ސަލާމަތީ މަޖިލީހުން އެއްވެސް ފިޔަވަޅެއް އަޅަން ޗައިނާ އިން ބޭނުމެއް ނުވޭ،" ސަލާމަތީ މަޖިލީހުގެ ޑިޕްލޮމެޓަކު ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުގެ ގަރާރުގައި ވަނީ މިއަންމާގެ ރަކީންގައި ހިންގާ ހުރިހާ ހަމަނުޖެހުމެއް ކުށްވެރިކޮށްފަ އެވެ. އަދި އިންސާނީ އެހީދޭ ފަރާތްތަކުން ރަކީން ސްޓޭޓަށް ދިއުމުގެ ހުއްދަ ދިނުމަށް މިއަންމާ ސަރުކާރަށް ގޮވާލާފައިވެ އެވެ.
މިއަންމާ އިން މަސައްކަތް ކުރަނީ އެ ގައުމު ދޫކޮށް ދިޔަ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ދިޔަ ނުދިނުމަށް ކަމަށް އދ.ގެ ރިޕޯޓެއްގައި ދާދި ފަހުން ވަނީ ބުނެފަ އެވެ.
ރަކީންގައި އޮގަސްޓް 25 ވަނަ ދުވަހު ހަމަނުޖެހުން ހިންގަން ފެށި ފަހުން ހަ ލައްކައެއްހާ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.