25 އޮކްޓޯބަރ 2017 - 20:49

މި އަހަރު އެޅުވި ކާމިޔާބު ފިލްމް "ނޯޓީ 40" ރަށްރަށުގައި ދައްކަމުން ދަނިކޮށް، ބަޔަކު އެ ފިލްމް ލީކް ކޮށްލި މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފުސީލެއް ނުދެ އެވެ.
"ނޯޓީ 40" އަކީ އިސްމާއީލް ޝަފީގާއި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް އޮގަސްޓް 2 ގައި ރިލީޒް ކުރި ފިލްމެކެވެ.
ޝަފީގް ބުނީ ފިލްމް ލީކްކޮށްލައިގެން އުޅެނީ ތިން ދިމާލަކުން ކަމަށާއި ފިލްމް މިހާރު ޔޫޓިއުބްގައި ވެސް ދައުރުވަމުންދާ ކަމަށެވެ. އޭނާ ބުނީ ފިލްމް ލީކްކޮށްލުމުގައި ފިލްމް ލ. އަތޮޅާއި "ނޯޓީ 40" ޝޫޓް ކުރި ރަށް ށ. މިލަންދޫގައި އަޅުވަން ހަވާލު ކުރި ފިލްމީ ދާއިރާގެ ބައެއްގެ އަތެއްވާ ކަމަށެވެ. މީގެ އިތުރުން އޮލިމްޕަހާއި ޝްވެކްގައި އަޅުވަން ދިން މާސްޓަރުގެ ތެރެއިން ކޮންމެވެސް އެއް ދިމާއަކުން ފިލްމް ލީކްވެފައިވާ ކަމަށް ޝަފީގު ތުހުމަތުކުރި އެވެ.
އޭނާ ބުނީ ވަރަށް ގިނަ ރަށްރަށުގައި ފިލްމު ދައްކަން ޕްލޭންތަކެއް ކޮށްފައި އޮއްވައި ފިލްމް ލީކްކޮށްލުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"ރަށްރަށުގެ ތެރެއިން ގާތްގަނޑަކަށް ތިރީސް ޕަސަންޓް ރަށްރަށުގައި ފިލްމް ދެއްކުނީ. އަދި ވަރަށް ގިނަ ރަށްރަށުގައި އަދި ދައްކަން ޕްލޭންކޮށް، ބައެއް ރަށްރަށުގައި ފިލްމް ދައްކަން ޓިކެޓް ވެސް ވިއްކާފައި އޮއްވައި ފިލްމް ލީކްކޮށްލީމަ ވަރަށް ބޮޑު ގެއްލުމެއް މިވީ،" "އިންސާފު އާއި 24 ގަޑިއިރުގެ ވެސް ޕްރޮޑިއުސަރު ބުންޏެވެ.
އޭނާ މި އަހަރު މިހާތަނަށް އެޅުވި ފިލްމްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިނގި އަދި ގިނަ ބަޔަކު އަދިވެސް ބަލާލަން އެދޭ ފިލްމް ލީކްވުމުން ގާތްގަނޑަކަށް ފަސްލައްކައެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.
"ނަސީބު ދިމާކުރި ގޮތުން މާލެ ސަރަހައްދުގައި ފިލްމް ދައްކައިގެން ފިލްމަށް ކުރި ހަރަދު އޮތީ ކަވަވެފައި،" ޝަފީގް ބުންޏެވެ.
"ނޯޓީ 40" ގެ 17 ޝޯ އޮލިމްޕަހުގައި ދައްކާފައިވާ އިރު، މާލެ އާއި ހުޅުމާލެ ޝްވެކް ސިނަމާގައި ފިލްމްގެ 24 ޝޯ ދެއްކި އެވެ.
ޝަފީގް ބުނީ މިއީ އޭނާ ޕްރޮޑިއުސް ކުރި ފިލްމެއް ލީކްކޮށްލި ފުރަތަމަ ފަހަރު ކަމަށެވެ.
"އެންމެ ދެރަވި ކަމަކީ ފިލްމީ ދާއިރާގެ ބައެއްގެ ފަރާތުން މިކަހަލަ ކަމެއް ދިމާވީމަ. މީގެ ސަބަބުން ފިލްމް އަޅުވަން ހަވާލު ކުރާ މީހުންނަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ދާނީ،" އޭނާ ބުންޏެވެ. "މީ ހަގީގަތުގައި ބައެއްގެ ހައްގަކަށް އަރައިގަތުން. ބައެއްގެ ބުރަ މަސައްކަތެއްގެ ނާޖާއިޒު ފައިދާ ނަގައި ބަޔަކަށް ގެއްލުން ދިނުން. ބުނެލަން ބޭނުން ވަނީ ޔޫޓިއުބްގައި ވެސް ފިލްމް ދައުރު ކުރާ މީހުންނާ ދޭތެރޭ ވެސް އަޅުގަނޑުމެން ދައުވާ ކުރާނަމޭ. މީތި ލީކްވެގެން ދިޔަލެއް ބޮޑުކަމުން ބައެއް ކެފޭ ކަހަލަ ތަންތަނުގައި ފިލްމް އަޅުވައިގެން ބަލާކަން ވެސް އެބަ ފާހަގަކުރެވޭ."
މީގެ ކުރިން ވެސް ދިވެހި ބައެއް ފިލްމްތައް ލީކްވެ، ޕްރޮޑިއުސަރުންނަށް މާލީ ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. އޭގެ ތެރޭގައި މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ އަމާނާތް (1998) އަދި ފާތުމަތު ނަހުލާގެ ޔޫސުފް (2008) ފާހަގަކޮށްލެވެ އެވެ.