25 އޮކްޓޯބަރ 2017 - 19:40

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލްގައި ފުރާ މީހުންނަށް އަލަށް ހެދި ތިން ގޭޓް ހުޅުވައިފި އެވެ.

މިއަދު މެންދުރުފަހު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ގޭޓް ހިމެނޭ ސަރަހައްދު ހުޅުވައިދެއްވީ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
އެ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ޓާމިނަލް ހޯލުގެ ތިރީގައި ހުންނަނީ ތިން ގޭޓެކެވެ. އަދި މިހާރު ތިރިއަށް ބަދަލުކުރި ގޭޓްތަކަކީ ކުރިން މަތީގައި ހުރި ދެ ގޭޓެވެ. އެ ގޭޓްތައް ތިރިއަށް ބަދަލުކުރީ އާ ޓާމިނަލް ހަދާ ސަރަހައްދުގައި ހުރި ބިލްޑިންގުތައް ހުސްކުރަން ޖެހިގެންނެވެ. އެއާއެކު ޖުމްލަ ހަ ގޭޓް އިންޓަނޭޝަނަލް ޓާމިނަލްގައި ހުރެ އެވެ.
ޖުމްލަ ހަ ގޭޓް ހިމެނޭ ގޮތަށް އަލަށް ހެދި އިމާރާތުގެ މަސައްކަތްކުރީ ސްރީލަންކާގެ ސެންކަން އޯވާސީސް ކިޔާ ކުންފުނިންނެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އަލަށް ހެދި ތިން ގޭޓާއެކު އެއްފަހަރާ ހަ ފްލައިޓަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ކުރިން ހުރި ގޮތުން އެއް ފަހަރާ ހިދުމަތް ދެވޭނީ 600 ފަސިންޖަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އިތުރުކުރި ތިން ގޭޓާއެކު ޖުމްލަ 900 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ. މި ތިން ގޭޓް ހަދާފައި ވަނީ 1000 އަކަ މީޓަރުގެ ސަރަހައްދެއްގައި،" އާދިލް ވިދާޅުވި އެވެ.
އެ ތިން ގޭޓްގެ އިތުރުން ކުރިން އެރައިވަލް ހޯލުގައި ހުރި 50 ފޫޓުގެ ދެ ބެލްޓް 87 ފޫޓަށް ދިގުކޮށް އަލުން ބޭނުންކުރަން ވަނީ ފަށައިފަ އެވެ. އެއާއެކު ޖުމްލަ ހަތަރު ބެލްޓުން އެއް ފަހަރާ 300 މީހުންނަށް ހިދުމަތް ލިބޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކުރިން ބޭނުންކުރި 50 ފޫޓުގެ ދެ ބެލްޓަކީ ކުދި އެއާކްރާފްޓްތަކުން އަންނަ ޕެސެންޖަރުންގެ ލަގެޖް ދޫކުރަން ބޭނުންކުރި ބެލްޓްތަކެއް ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ޓާމިނަލަށް އަލަށް އިތުރުކުރި ތިން ގޭޓާއި އެރައިވަލްގައި ހުރި ދެ ބެލްޓް ދިގުކުރުމަށް ގާތްގަނޑަކަށް ތިން މިލިއަނެއްހާ ޑޮލަރު ހަރަދުވި ކަމަށެވެ.