ބަންގްލަދޭޝް މީހުން ގެންނަން އަލުން ހުއްދަ ދޭން ފަށައިފި
ބަންގްލަދޭޝް މީހުން ގެންނަން އަލުން ހުއްދަ ދޭން ފަށައިފި

ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރަން އާ ސިސްޓަމެއް ގާއިމުކުރުމަށްޓަކައި، ބަންގްލަދޭޝް އިން މަސައްކަތު މީހުންނާއި ގޭގޭގައި މަސައްކަތްކުރާ މީހުން ގެނައުން މެދުކަނޑާލައިފައި އޮތުމަށް ފަހު އިމިގްރޭޝަނުން އަލުން ހުއްދަ ދޫކުރަން ފަށައިފި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު މިއަދު ވިދާޅުވީ ރާއްޖޭގައި ހިއުމަން ޓްރެފިކިން މައްސަލަ ބޮޑުވާތީ އެކަން ހައްލުކުރަން އިމިގްރޭޝަންގައި މޯލްޑިވްސް އިމިގްރޭޝަން ޕްރި ޑިޕާޗާ ހެލްތު އެންޑް ސެކިއުރިޓީ ސިސްޓަމް (މިޕްސް) ކިޔާ ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ ސިސްޓަމްގެ ތެރެއިން ނޫން ގޮތަކަށް ބޭރު މީހުން ގެންނަން ހުއްދަ ދުލެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަ ބޮޑުވާ ކަމަށް ފާހަގަކޮށް އެމެރިކާގެ ވޮޗް ލިސްޓްގައި ހިމެނުމާ ގުޅިގެން އެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން ވާނީ ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައި. އެގޮތުން މި ސިސްޓަމް ގާއިމުކުރެވެންދެން ބަންގްލަދޭޝް މީހުން ގެންނަން ހުއްދަ ދިނުން މަޑުޖައްސާލީ،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހަމަޖެއްސި އުސޫލާ ގުޅިގެން މަގުމަތީގައި އުޅޭ ބަންގްލަދޭޝަން އެޖެންޓުންނަށް މީހުން ގެނައުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

"މަގުމަތީގައި އުޅޭ ބަންގްލަދޭޝް އެޖެންޓުންނަށް ދެން މީހުން ނުގެނެވޭނެ. މިހާރު ވެސް އެކަންކުރާ އެތައް ބަޔަކު ހޯދައި ފޮނުވާލާފައިވާނެ،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީންގެ އަތުން ނަގާ ޑިޕޮސިޓް ދައްކާ އުސޫލަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންޝުއަރެންސްގެ ތެރެއިން ފައިސާ ދެއްކުމުގެ ފުރުސަތު ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.

"މިހާރު ވެސް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އިމިގްރޭޝަނުގެ އޮފިސަރުން ފައިސާ އަތުލާކަމަށް. އެކަމަކު ޑިޕޮސިޓް ދެއްކުމަށްފަހު މިތަނުން ސްލިޕް ދޭނެ. އެހެން ނަން ނަމުގައި މިތަނުން ފައިސާއެއް ނުނަގާނެ. އަލަށް ހަމަޖައްސާ އުސޫލުން ހުރިހާ މައްސަލައެއް ހައްލުވާނެ ކަމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބުނީ އަލަށް ހެދި ސިސްޓަމްގެ ދަށުން ބޭރުގެ ވަކި އެޖެންސީއަކުން މީހުން ގެނައުމުގެ ބާރެއް ރާއްޖޭގެ އެޖެންސީއަކަށާއި އަދި އަމިއްލަ މީހުންނަށް ވެސް ނޯންނާނެ ކަމަށެވެ. އަދި މީހުން ގެނެވޭނީ ހަމައެކަނި އެ ސިސްޓަމްގައި ރަޖިސްޓްރީކުރެވިފައިވާ އެޖެންސީތަކުން ކަމަށް ވެސް އެތަނުން ބުންޏެވެ.

"މި ސިސްޓަމް ގާއިމުކުރެވުމުން މަގުމަތީ އުޅޭ އެޖެންޓުންނަށް އެހެން ފަރާތްތަކަށް ނުބައި މައުލޫމާތު ދިނުން މަދުވެގެންދާނެ. އަދި އެގޮތަށް މަގުމަތީ އުޅޭ އެޖެންޓުންގެ ރޯލު ކުޑަކުރުމުން ރަސްމީ ރެކްރޫޓްމަންޓްގެ ފުރުސަތު ފަހިކުރެވިގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.

އެތަނުން ބުނީ އަލަށް ހަމަޖެއްސި އުސޫލުން މީހުން ގެންނަން ބޭނުންވާ ފަރާތްތަކަށް ސާފު މައުލޫމާތު ލިބި، ރަނގަޅު މީހުން ހޯދަން ފަސޭހަވާނެ ކަމަށެވެ.

"މިއާއެކު ހިއުމަން ޓްރެފިކިންގެ އަމަލުތައް ވެސް މަދުވެގެންދާނެ،" އިމިގްރޭޝަނުން ބުންޏެވެ.