25 އޮކްޓޯބަރ 2017 - 16:32

ސަރުކާރުން ހިންގުމަށް ރާވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫއުން ލިބެން އޮތް 500 މިލިއަން ރުފިޔާ ލިބޭ ގޮތް ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ މަޖިލީހުގެ ކޮމެޓީގައި މުނައްވަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ސިޔާސީ ކަންތައްތަކަށް އަންނަ ރޯޅިތަކާ ހެދި، މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު ކުރާ މަޝްވަރާތަކަށް ބުރޫ އަރަމުން އަންނަ ކަމަށެވެ.
އެގޮތުން ކުރީގެ ސަރުކާރުތަކަށް 500 މިލިއަން ޑޮލަރު ލިބެން އޮއްވައި އެކަން ނުވެ ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖެހިގެން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އަދި މިހާރު ވެސް ސިޔާސީ ކަންތައްތަކެއް ރާއްޖޭގައި ހިނގަމުން އަންނާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"އަޅުގަނޑާ ވޯލްޑް ބޭންކްގެ ހައި ލެވެލް ބޭފުޅަކާ ބައްދަލުވި. އެ ބޭފުޅާ ވިދާޅުވީ 500 މިލިއަން ޑޮލަރު ލިބޭ ގޮތަށޭ އޮތީ. ނަމަވެސް ސިޔާސީ އޮއިވަރުގެ ސަބަބުން އަޅުގަނޑުމެންނަށް އެ ފުރުސަތު ގެއްލިގެން ދިޔައީއޭ،" ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މުނައްވަރު ވިދާޅުވި އެވެ.
ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، އިންވެސްޓް ކުރަން ބަޔަކު ބޭނުން ނުވާ ނަމަ، އިގްތިސާދީ ގޮތުން ރާއްޖެ ތަކްލީފުތަކެއް އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ހުއްޓަން ޖެހޭ ކަމެއް. އިގްތިސާދީ ބަޖެޓެއް ހުށަހަޅާފައި އޮންނައިރު އެ ބަޖެޓު ހޯދުން ނުވަތަ ބޮޑު ބައެއް އަންނަނީ އިންވެސްޓަރުންގެ ފަރާތުން،" މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ޖަހާފައި ހުރި ކަންތައްތަކަކީ ޕްލޭނެކެވެ. އެހެންވެ، އެކަންކަން ތަންފީޒު ކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެން އެއްކޮށްގެން މަސައްކަތް ނޫނީ ގައުމަށް މަންފާ ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެސްއީޒެޑް އާއި އެ ނޫން ކަންތައްތަކުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް މިދިޔަ ދެ އަހަރު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމަނާފައިވެ އެވެ.
އެސްއީޒެޑުގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި ބިންވެރި ކޮށްދީގެން 500 މިލިއަން ރުފިޔާ އާއި މާލެ ސަރަހައްދުން ކޮންސެޝަން ޗާޖެއް ނަގައިގެން 261 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. ނަމަވެސް މި އަހަރު ނިމޭއިރު ލިބޭނެ ކަމަށް ލަފާ ކުރެވެނީ 600 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.