އެމްޓީސީސީ ސޯމިލް ބިމުގެ ބޮޑު ބައެއް ސަރުކާރާ ހަވާލުކޮށްފި
އެމްޓީސީސީ ސޯމިލް ބިމުގެ ބޮޑު ބައެއް ސަރުކާރާ ހަވާލުކޮށްފި

އެމްޓީސީސީ ސޯމިލް ބިމުގައި ހުރި "ކަށަވަރު" ފިހާރަ ނޫން އެހެން ހުރިހާ ސަރަހައްދެއް ސަރުކާރާ ހަވާލުކޮށްފި އެވެ.

ކާނިވާ ސަރަހައްދު ކައިރީގައި ހުންނަ އަދި ކުރިން އެމްޓީސީސީ ސޯމިލް ހިންގި ބިމުގައި ހުރި "ކަށަވަރު" ފިހާރަ ނޫން އެހެން ބައިތައް ސަރުކާރާ ހަވާލުކުރީ އެތަނުގެ ކުރިމަތިން މާލޭ އިރުމަތީ ފަރާތުގައި ހަދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތަށް ބޭނުންވާ ސާމާނު ބަހައްޓާށެވެ.

ސޯމިލްގެ އެ ސަރަހައްދު ސަރުކާރާ ހަވާލުކޮށްފައި ވަނިކޮށް މިއަދު "ކަށަވަރު" ފިހާރައަށް ވަދެ ފުލުހުން ވަނީ އެތަން ވެސް ހަވާލުކުރަން އަންގާފަ އެވެ. އެކަމަކު އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ފުލުހުން އެގޮތަށް އެންގީ އޮޅުމަކުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

ސަރުކާރުން އެއްބަސްވެފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، އެތަނުގައި ހުރި ގުދަންތަކާއި އެކޮމޮޑޭޝަން އޭރިއާ ހަވާލުކުރާށެވެ.

"މުޅި ތަންތަން ހުސްކުރާކަށް ނޫން އޮތީ. އެތަންތަން މީގެ ދެ ދުވަސް ކުރިން އޮތީ ހަވާލުކޮށްފައި،" ޒިޔަތު ވިދާޅުވި އެވެ.

ސޯމިލް ބިމުން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލޭ ފެރީ ޓާމިނަލްގެ އިރުމަތީ ފަރާތުގައި އޮންނަ ޕާކިން އޭރިޔާ ވަނީ އެމްޓީސީސީ އަށް ދީފަ އެވެ.