26 އޮކްޓޯބަރ 2017 - 06:16

އައިޝްވަރިޔާ ރާއީއާ އެކު "ފެނީ ޚާން"ގެ ޝޫޓިން ފަށަން ވަރަށް ކައިރިވެފައި ވަނިކޮށް ރާޖްކުމާރު ރާއޯ އަށް އަނިޔާވެ ޝޫޓިން ފެށޭ ގޮތެއް ނުވި އެވެ.
ރާޖް ކުމާރަށް އަނިޔާވީ ސްޓާ ޕްލަސްއިން ދައްކާ ފަރާ ޚާން ހޯސްޓްކުރާ ލަވަ އާއި ނެށުމުގެ ޝޯއެއް ކަމަށްވާ "ލިޕް ސިންގް ބެޓްލް" އަށް ފަރިތަކުރަމުން ދަނިކޮށެވެ. ޝޯގައި އޭނާ ޕާފޯމްކުރަން ހަމަޖެހިފައިއޮތީ ކްރީތީ ސަނަންއާ އެކުގަ އެވެ.
މުމްބައި މިރާ އިން ބުނި ގޮތުގައި ރާޖްކުމާރުގެ ފައިގެ ސާޖަރީއެއް އިއްޔެ ހަދާނެ އެވެ. ފަރާ ޚާން ބުނި ގޮތުގައި ސާޖަރީ އަށް ފަހު 4-5 ހަފުތާ ތެރޭގައި ރާޖްކުމާރު މުޅިން ރަނގަޅުވާނެކަމުގެ ޔަގީންކަން ޑޮކްޓަރުން ވަނީ ދީފަ އެވެ.
ރާޖްކުމާރަށް އަނިޔާވުމުން "ފެނީ ޚާން" އަށް ދެން ވާނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު އިންޑިއާގެ ނޫހެއް ކަމަށްވާ ބޮލީވުޑްލައިފަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެމީހުންނަށް ރާޖްކުމާރުގެ އެކްސިޑެންޓްގެ ޚަބަރު ލިބިފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއާއެކު ފިލްމުގެ ޝެޑިއުލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ރާޖްކުމާރު މުޅިން ފަސޭހަވުމުން އޭނާގެ ބައިތައް ޝޫޓްކުރަން ބަހައްޓާފައި އައިޝްވަރިޔާ އާއި އަނިލް ކަޕޫރާއި އެހެން އެކްޓަރުން އެކަނި ޝޫޓްކުރަންޖެހޭ ބައިތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ކުރިން، ނޮވެމްބަރު މަހު ފިލްމުގެ މަސައްކަތް ނިންމާލަން ރާވާފައި އޮތް ނަމަވެސް މިހާރު ނޮވެމްބަރު މަހު ޝޫޓިން ނިންމާލެވޭނެ ކަމަށް ހީނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ދާދި ފަހުން އޮތް ފިލްމެއްގެ ޓްރެއިލާ ނެރުމުގެ ހަފުލާއެއްގައި ރާޖްކުމާރު ވަނީ އައިޝްވަރިޔާއާ އެކު ފިލްމެއްގެ މަސައްކަތް ކުރެވޭތޯ ވަރަށް އުފަލުން އެހާމެ ހިތް ބިރުގަނެފައި ހުރި ކަމަށް ބުނެފަ އެވެ. ޚާއްސަކޮށް ފިލްމުގައި އެމީހުންގެ ލޯބީގެ ރޯލެއް އޮތުމުން ދުނިޔޭގެ އެންމެ ރީތި އަންހެނަކާ އާއެކު ލޯބީގެ މަންޒަރުތައް ކުޅެން ކުޑަކޮށް ބިރުން ހުރި ކަމަށް ވެސް ރާޖްކުމާރު ބުންޏެވެ.
ރާޖްކުމާރު އަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް އެކްޓަރެވެ. އަދި މި އަހަރަކީ އޭނާގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު އަހަރެކެވެ. އޭނާގެ "ޓްރެޕްޑް"، "ބެހެން ހޯގީ ތެރީ"، ބަރޭލީ ކީ ބަރްފީ" އަދި "ނިއުޓަން" ފަދަ ފިލްމުތަކުގައި އޭނާގެ ޕާފޯމަންސަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. އޭނާގެ "ނިއުޓަން" އަކީ އަންނަ އަހަރު އިންޑީޔާއިން ރަސްމީކޮށް އޮސްކާއަށް ފޮނުވާ ފިލްމެވެ.