"ގޯލްޑް" ރިލީޒް ނުވަނީސް މޯނީ އަށް އެހެން ފިލްމެއް
"ގޯލްޑް" ރިލީޒް ނުވަނީސް މޯނީ އަށް އެހެން ފިލްމެއް

ޓީވީ ސިލްސިލާތަކުން މަޝްހޫރުވި ބަތަލާ މޯނީ ރޯއީ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ގޯލްޑް" ރިލީޒް ނުވަނީސް އޭނާއަށް އިތުރު ފިލްމެއް ކުޅުމުގެ ފުރުސަތުލިބިއްޖެ އެވެ.

މޯނީ އަށް މިފަހަރު ލިބުނީ އަޔާން މުކަރުޖީ ޑައިރެކްޓްކުރާ ފެންޓަސީ އެޑްވެންޗާ ފިލްމު "ބްރަހްމަޝްތުރާ" އެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބު ބައްޗަން ހިމެނެ އެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ފޮކްސް ސްޓާޒް ސްޓޫޑިއޯޒް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށައި 2019 ގެ ކުރީކޮޅު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގައި މޯނީ ބައިވެރި ވިޔަސް އޭނާ އަދާކުރާ ރޯލެއް އަދި ނޭނގެ އެވެ. ނަމަވެސް މި ޚަބަރަކީ މޯނީގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވަނީ ވެފަ އެވެ. އަދި ޓުވިޓާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

މޯނީ ފުރަތަމަ ސޮއިކުރި ފިލްމު "ގޯލްޑް"ގެ މަސައްކަތް ވެސް މިހާރު ވަރަށް ހަލުވިކޮށް ދަނީ ކުރިޔަށެވެ. މިއީ އިންޑިއާގެ ހޮކީ ޓީމަށް ފުރަތަމަ އޮލިމްޕިކް ގޯލްޑް ލިބުނު ދުވަސްވަރުގެ ހާދިސާތަކަކަށް ކުޅެފައިވާ ފިލްމެކެވެ.

އަކްޝޭ ކުމާރު ބަތަލުގެ ރޯލު އަދާކުރާ މި ފިލްމުގައި މޯނީ އަދާކުރަނީ އަކްޝޭގެ ކެރެކްޓާ ބަލްބީރް ސިންގްގެ އަންހެނުންގެ ރޯލެވެ.