އެއާޕޯޓަށް ބޮޑު ބަދަލެއް ގެންނަން ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފި
އެއާޕޯޓަށް ބޮޑު ބަދަލެއް ގެންނަން ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑު ބަދަލެއް ގެނައުމުގެ މަޝްރޫއު ސައޫދީ ބިން ލާދިން ގްރޫޕާ ރޭ ހަވާލުކޮށްފި އެވެ. މިއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

އެއާޕޯޓަށް ބޮޑު ބަދަލެއް ގެންނަން ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފި
އެއާޕޯޓަށް ބޮޑު ބަދަލެއް ގެންނަން ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފި

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ބިން ލާދިން ގްރޫޕުގެ ފަރާތުން އަބްދުލް އަޒީޒް ބިން ލާދިން އެވެ. ސޮއިކޮށް ނިމުމާއެކު އެ މަޝްރޫއު އިފްތިތާހްކޮށްދެއްވީ ރައީސް ޔާމީނެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ހަވާލުކުރި ބިންލާދިން ކުންފުންޏަކީ ސައޫދީ އަރަބިއްޔާގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ. މީގެ 85 އަހަރު ކުރިން، އެ ކުންފުނި އުފެއްދީ، އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ބައްޕަ އެވެ.

އެކި ގައުމުގައި މިހާރު ވެސް ބިޔަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ އަދި ކާމިޔާބު އެއް މަސައްކަތަކީ މައްކާގެ ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން 2013 ވަނަ އަހަރު މަސައްކަތް ފެށި ޖިއްދާ ޓަވަރު ވެސް ހިމެނެ އެވެ. އެއް ކިލޯ މީޓަރަށް ވުރެ އުސް ޓަވަރަކީ މިހާތަނަށް ހަދާ ދުނިޔޭގެ އެންމެ އުސް ޓަވަރެވެ.

އާދިލް ވިދާޅުވީ އާ މަޝްރޫއާ އެކު އެއާޕޯޓުން ދައުލަތަށް ވަންނަ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގައި އަމާޒު ހިފާފައި ވަނީ އޭޝިއާ ސަރަހައްދުގެ އެންމެ ހިތްގައިމު އެއާޕޯޓަށް އެ ތަން ހެދުމަށް ކަމަށް އާދިލް ވިދާޅުވި އެވެ.

"..މި ބޮޑު ޕްރޮޖެކްޓަށް ހިނގާ ހަރަދު ކުރު މުއްދަތެއްގައި ފޫބެއްދި ބޮޑު ފައިދާއެއް ދައުލަތަށް ދައްކަމުން ގެންދެވޭނެ ކަމުގެ ގާބިލްކަމާއި ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި، އެއާޕޯޓް ތަރައްގީކުރުމުގެ މުޅި މަޝްރޫއަށް 800 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް ނިންމުމަށް ކަނޑައަޅާފައި ވަނީ 2018 ވަނަ އަހަރަށެވެ.

އާދިލް ވިދާޅުވި ގޮތުގައި އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއު ނިމޭއިރު ހުޅުލޭގެ މަލަމައްޗަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އާ ޓާމިނަލާ އެކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ދެ އެވެ.