އަނުޝްކާ އާއި ވިރާޓު ކޯލީ ޑިސެމްބަރުގައި ކައިވެނި ކުރަނީ؟
އަނުޝްކާ އާއި ވިރާޓު ކޯލީ ޑިސެމްބަރުގައި ކައިވެނި ކުރަނީ؟

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި އިންޑީއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތައް ގަދަވެއްޖެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަ ގޮތުގައި އަނުޝްކާ އާއި ވިރާޓު ކައިވެނިކުރަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހު އެވެ.

މިކަމާ ގުޅޭ މައުލޫމާތު ދިން މީހަކު އިންޑިއާގެ ނޫސްތަކަށް ކިޔައިދީފައިވާ ގޮތުގައި އަމިއްލަ ބޭނުމަކަށް ކަމަށް ބުނެ ވިރާޓު މިހާރު ވަނީ ޑިސެމްބަރަށް ޗުއްޓީ ނަގައިފަ އެވެ. ސްރީ ލަންކާގައި އެ މަހު އޮންނަ ޓެސްޓް ސީރީޒްގައި އޭނާ ބައިވެރިއެއް ނުވާނެ އެވެ.

އަނުޝްކާ އާއި ވިރާޓު ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރުތަކެއް ވަނީ ވެފަ އެވެ. ދެ މީހުންގެ ލޯބީގެ ވާހަކަތަކަކީ ފިލްމީ ދުނިޔެ އާއި ކްރިކެޓް ދުނިޔޭގައި މިހާރު ވަރަށް މަޝްހޫރު ވާހަކައެކެވެ.

ނަމަވެސް މީޑިއާގައި މި ދެ ތަރިން މިކަމާ ގުޅޭ ވާހަކައެއް ނުދައްކަ އެވެ. އަނުޝްކާ ބުނެފައި ވަނީ ޒާތީ ދިރިއުޅުމާ ބެހޭ ވާހަކަތައް މީޑިއާ އަށް ކިޔައިދޭން ބޭނުން ނުވާ ކަމަށެވެ.

ވަރަށް އަވަހަށް ކައިވެނިކުރަން ބޭނުން ކަމަށް ތަންކޮޅެއް ކުރިން ވިރާޓު ބުނެފައިވެ އެވެ. ނަމަވެސް ކައިވެންޏަށް އެއްބަސްނުވެ "ސުލްތާން" ކުޅެން ސޮއިކުރުމުން މި ދެ މީހުންގެ މެދުގައި މައްސަލަ ޖެހި ދުވަސްކޮޅަކު ރުޅިވެގެން ވެސް އުޅެފައިވެ އެވެ. އެހެންވެ މިފަހަރު މި އަރައިގެން އުޅޭ އަޑުތަކުގެ ހަގީގަތަކީ ކޮބައިކަމެއް ސާފެއް ނުވެ އެވެ.

ކައިވެނީގެ ވާހަކަތައް ވަރަށް ހޫނުވެފައި ވިޔަސް އަނުޝްކާ އާއި ވިރާޓުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ މީހުން އެފަދަ އެއްވެސް ކަމެއް އަދި ޕްލޭން ކޮށްފައެއް ނުވެ އެވެ.