25 އޮކްޓޯބަރ 2017 - 16:44

ޕީއެސްއެމްއިން މާދަމާ ރޭ ލޯންޗުކުރާ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ މީޑިއާ ޕާޓްނަރުކަން މި ފަހަރު އެއްވެސް މީޑިއާއަކަށް ނުދޭ ގޮތަށް ނިންމައިފި އެވެ.
ދިވެހިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ މި ޝޯގެ އެކި ބައިތައް ސްޕޮންސާ ކުރުމަށް ފުރުސަތު ހުޅުވާލި ނަމަވެސް، އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު މީޑިއާ ޕާޓްނަރު ކަމަށް އިއުލާނުކޮށްފައެއް ނުވެ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޝާޔަން ޝާހިދު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ އެކްސްކްލޫސިވް ކަވަރޭޖް އެއްވެސް މީޑިއާއަކަށް ދޭން ނިންމާފައި ނުވާ ކަމަށާއި އެއީ ހުރިހާ މީޑިއާތަކަށް ވެސް ހަމަހަމަ ކަމާއެކު އެކަން ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
"މީގެ ކުރިން އެކްސްކްލޫސިވްކޮށް ވަކި މީޑިއާއެއް ހަމަޖެއްސީމައި، އެހެން މީޑިއާތަކަށް ކަވަރޭޖް އެންމެ ރަނގަޅަކަށް ނުގެނެސްދެވޭ. އެހެންވެ، ހުރިހާ މީޑިއާތަކަށް ވެސް، އައިޑޮލްއާ ގުޅޭ ހުރިހާ މައުލޫމާތެއް ދޭން އެގޮތަށް ނިންމީ،" ޝާޔަން ވިދާޅުވި އެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ އަދި ދެވަނަ ސީޒަންގެ މީޑިއާ ޕާޓްނަރަކީ "އަވަސް" އެވެ. ދެ ވަނަ ސީޒަންގައި "އަވަސް"އަށް އެ ފުރުސަތު ދިނީ، އެކަމަށް އެންމެ ރަނގަޅު އަގު ހުށަހެޅި "މިހާރު" އާއި "ސަން" ބާކީ ކޮށްފަ އެވެ.
ފުރަތަމަ ސީޒަންގެ އޮންލައިން ޕާޓްނަރުކަން ވެސް "އަވަސް"އަށް ދިނީ ބޮޑެތި ސުވާލުތައް އުފެދޭ ގޮތަށެވެ.
މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން، އާޓްގެލަރީގައި އޮންނަ ރަސްމިއްޔާތެއްގައި މާދަމާރޭ ލޯންޗު ކުރާއިރު، އެ ޝޯގެ ޖަޖިން ޕެނަލާއި ހޯސްޓަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެ އެވެ.
ޝޯގެ އޯޑިޝަން ފަށާނެ ދުވަހެއް ވެސް އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ އެ ރަސްމިއްޔާތުގަ އެވެ.
މިދިޔަ ސީޒަނުގައި އެ ޝޯގެ ޖަޖުންނަކީ ފުރަތަމަ ސީޒަންގެ ވެސް ޖަޖުން ކަމުގައިވާ މަރިޔަމް އުނޫޝާ އާއި އިބްރާހިމް އަލީ (ކުޑަ އިއްބެ) އަދި އިސްމާއިލް އައްފާނެވެ. އަދި ހޯސްޓުންނަކީ މޫސާ ވަސީމް މުހައްމަދާއި ލަމްހާ ލަތީފެވެ.