25 އޮކްޓޯބަރ 2017 - 13:07

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މައްސަލައިގައި އެމްޑީޕީގެ ފަސް އެކްޓިވިސްޓަކު ޖަލަށްލާން ހުކުމްކޮށް، އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން، މުޒާހަރާ ކުރުން މަނާ ތަނެއް ކަމަށްވާ އެއާޕޯޓުގައި މާޗް، 2015 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި، މުޒާހަރާކުރި މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ 14 އެކްޓިވިސްޓަކު ތިން މަހަށް ޖަލަށްލާން ހުކުމް ކުރި އެވެ. އެކަމަކު އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ކްރިމިނަލް ކޯޓުން ފަސްކޮށްފައިވާތީ، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ އެ މީހުން ޖަލަށް ދާކަށް ނުޖެހެ އެވެ.
އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކުރީ އެ މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ އެ ފަސް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ އެއްވެ އުޅުން މަނާ ސަރަހައްދެއްގައި މުޒާހަރާ ކުރުމުން ކަމަށް ވާއިރު، އެ މުޒާހަރާގައި އެ ފަސް މީހުން ބައިވެރިވިކަން ސާބިތު ކުރެވޭ މިންވަރުގެ ހެކި ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކި ނަފީ ކުރެވޭ މިންވަރުގެ ކަމެއް ދައުވާ ލިބޭ މީހުންގެ ދިފާއީ ހެކިންގެ ބަހުން ސާބިތުވާން ނެތް ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުުރުން ކުށަކާ ގުޅިގެން އޮންނަ އަދަބުގައި ތަފާތު ބާވަތްތަކެއް އަދަބުތަކެއް ހިމެނިފައިވާ ނަމަ އޭގެ ތެރެއިން ބާވަތެއް އިހްތިޔާރު ކުރުމުގެ ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށާއި އެހެންވެ އެ މީހުންގެ މައްޗަށް ތިން މަހު ޖަލު ހުކުމެއް ކަނޑައަޅައި، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރީ ރަނގަޅަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.