އިޓާލިއަން ލީގުގެ އެއް ވަނަ އަށް އިންޓަ އަރައިފި
އިޓާލިއަން ލީގުގެ އެއް ވަނަ އަށް އިންޓަ އަރައިފި

މިލާން (އޮކްޓޯބަރު 25) – ސަމްޕްޑޯރިއާ އަތުން 3-2 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް އިންޓަ އިން އަރައިފި އެވެ.

އިންޓަ އެއް ވަނަ އަށް އެރީ 26 ޕޮއިންޓާ އެކު އެވެ. އެކަމަކު އެއް މެޗު މަދުން ކުޅެފައިވާ ނަޕޯލީ މިރޭ ޖެނޯއާ އަތުން މޮޅުވެއްޖެ ނަމަ އަލުން އެއް ވަނަ އަށް އަރާނެ އެވެ. އެ ޓީމު ދެ ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 22 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ. އެ ޓީމު މިރޭ ސްކުންނާނީ ސްޕަލްއާ ދެކޮޅަށެވެ.

އަމިއްލަ ދަނޑުގައި ރޭ އިންޓަ ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މިލަން ސްކްރިނިއާރެވެ. ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު 32 ވަނަ މިނެޓާއި 54 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން މައުރޯ އިކާޑީ އެވެ. ސަމްޕްޑޯރިއާ އިން މެޗުގެ ފަހުކޮޅު ދެ ލަނޑު ޖަހައި އިންޓަ ހާސްކޮށްލި ނަމަވެސް އެއްވަރުކުރެވޭ ގޮތެއް ނުވި އެވެ.

އާ ކޯޗު ލޫސިއާނޯ ސްޕަލެއްޓީއާ އެކު އިންޓަ އިން އަންނަނީ މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ ދެ މެޗު އެއްވަރުވެފައިވާއިރު އެ ޓީމަކީ މި ފަހަރު ލީގު ހޯދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރާ އެއް ޓީމެވެ.