03 ޖުލައި 2016 - 23:36

ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ ޑޮލްފިން ކެފޭ އާއި ލިލީސް ކެފޭ އާ ދެމެދު އޮންނަ ހުސް ބިމަށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.
އިއުލާނުގައި ބުނެފައި ވަނީ އެ ބިން ތަރައްގީ ކުރަން ބޭނުންވާ ފަަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހައުސިން މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި ބިން ފުރަތަމަ އެގްރިމަންޓް ކުރުމަށް ހަމަޖެހިފައި ވަަނީ ދޮޅު އަހަރުގެ މުއްދަތަކަށެވެ. އަދި ޕްރޮޕޯސަލް ބަލައިގަތުމުގައި ދައުލަތަށް ދައްކަން ޖެހި، ނުދައްކާ އޮތް އެއްވެސް ފައިސާއެއް ވޭތޯ ބަލާނެ ކަމަށް ބަޔާނުގައި ވެ އެވެ.
ހައުސިން މިނިސްޓްރީން ބިން ތަރައްގީ ކުރާނެ ފަރާތެއް ހޮވާނީ އެ މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތަށް ކަމަށެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ އެ ސަރަހައްދުތަކުގައި ހިންގާ ކެފޭތައް ނެގުމަށް ނޯޓިސް ފޮނުވައިފަ އެވެ. އެއީ ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން އެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން" މިސްްތް އެޅުމަށެވެ.