25 އޮކްޓޯބަރ 2017 - 12:07

މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ ދައުވާ ލިބޭ ހަތަރު މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
އެ ހަތަރު މީހުންގެ ޝަރީއަތް މިއަދު ފަށައި، އެ މީހުންނަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ދިނުމުން ދައުވާ ލިބޭ އެންމެން ވެސް ބުނީ މައްސަލަ ކުރިއަށް ގެންދާނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ މުހުތާޒް ފަހުމީ ވަނީ ވަކީލުން ހަމަޖައްސަން އެ މީހުންނަށް 10 ދުވަސް ދެއްވައިފަ އެވެ.
ދައުވާ ލިބޭ ކަރަމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްދޭން ދައުލަތުން މިއަދު އެދުނެވެ. އެކަމަކު ގާޒީ މުހުތާޒް ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމޭނީ ކުރިން އޭނާ ބަންދުކުރަން ކުރިން ނެެރުނު އަމުރުތައް ލިބިގެން ކަމަށާއި އެހެންވެ މިއަދު އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ގާޒީ ކަރަމްގެ ބަންދުގެ މުއްދަތު އިތުރު ކުރަން އެހެން އެހެން ދުވަހަކު އޭނާ ކޯޓަށް ގެނައުމަށެވެ.
ކަރަމް ފިޔަވައި ދެން ތިބި މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެ އެވެ.
އެ ދައުވާ ސާބިތުނުވެ، އެކަމަކު އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މަފާޒަށް އަންނާނެ އެވެ.
ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލާނެ އެވެ.
ނަދީމްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ވެސް ދައުލަތުން ވަނީ ޖުވެނައިލް ކޯޓުގައި ދައުވާކޮށްފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަދީމް މަރާލީ އޭރު މާލޭގައި ހިނގަމުން ދިޔަ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.