25 އޮކްޓޯބަރ 2017 - 11:47

ރިޔާޒް (އޮކްޓޯބަރު 25) - ވިޔަފާރި ޒޯނެއް ހިމެނޭ ގޮތަށް 500 ބިލިއަން ޑޮލަރުގެ މެގަ ސިޓީއެއް ހެދުމުގެ ޕްލޭން ސައުދީ އަރަބިއާ އިން އާއްމުކޮށްފި އެވެ.
ރިޔާޒުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމެއްގައި ވާހަކަ ދައްކަވަމުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ވިދާޅުވީ 26،500 އަކަ ކިލޯ މީޓަރުގެ "ނިއޯމް" ޒޯން ތަރައްގީ ކުރާނީ މިސްރާއި ޖޯޑަންއާވީ ފަޅިން ގައުމުގެ ހުޅަނގު އުތުރުގައި ކަމަށެވެ. މެގަ ސިޓީ ތައްޔާރު ކުރާނީ ނުވަ ސެކްޓަރަކަށް އަމާޒުކޮށްގެންނެވެ. އޭގެ ތެރޭގައި ފުޑް ޓެކްނޮލޮޖީ އާއި ހަކަތަ އަދި ފެން ހިމެނެ އެވެ.
ތެލަށް ބަރޯސާވުން ކުޑަކުރަން އިގްތިސާދު ހުޅުވާލަން ނިންމާފައިވާ ސައުދީން އޮގަސްޓް މަހު ވަނީ ޓޫރިޒަމް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއް ވެސް އިއުލާންކޮށްފަ އެވެ. ރަތް ކަނޑުގެ 50 ރަށް ލަގްޒަރީ ރިސޯޓްތަކަށް ހަދަން ވަނީ ނިންމައިފަ އެވެ.
ސައުދީ އޮފިޝަލުން ބުނީ ނިއޯން ޕްރޮޖެކްޓަށް ފައިސާ ހޭދަކުރާނީ ސަރުކާރުންނާއި ލޯކަލް އަދި އިންޓަނޭޝަނަލް އިންވެސްޓަރުންގެ ފަރާތުން ކަމަށެވެ.
"ނިއޯން ޕްރޮޖެކްޓުން ސައުދީގެ ޖީޑީޕީ އަށް 2030 އާ ހަމައަށް ދާއިރު 100 ބިލިއަން ޑޮލަރު ލިބޭނެ،" ސައުދީ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސައުދީ އަރަބިއާ އިން ކުރިއަށް ގެންދާ ވިޝަން 2030 ޕްރޮޖެކްޓުގެ އިސް މޭސްތިރިއަކީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.