ފުރަތަމަ ލެގުން ބާސާ އަށް ފަސޭހަ މޮޅެއް
ފުރަތަމަ ލެގުން ބާސާ އަށް ފަސޭހަ މޮޅެއް

މުރްސިއާ (އޮކްޓޯބަރު 25) – ސްޕެނިޝް ކަޕުގެ ގަދަ 32 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ތިން ވަނަ ޑިވިޝަނުގެ ރެއާލް މުރްސިއާ އަތުން ޗެމްޕިއަން ބާސެލޯނާ ފަސޭހަކަމާ އެކު 3-0 އިން މޮޅުވެއްޖެ އެވެ.

މި މެޗުގައި ބާސެލޯނާ ކުޅުނީ ވަރަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒާއި އަންދްރޭ އިނިއެސްޓާ އާއި ސާޖިއޯ ބުސްކެޓްސް އާއި ޕައުލީނިއޯ އަދި ޖެރާޑް ޕީކޭ ފަދަ ކުޅުންތެރިން ނުކުޅެ އެވެ.

މި މެޗުގެ 44 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޖެރާޑް ޑެއުލޮފެއޫ ދިން ޕާހަކުން ޕަކޯ އަލްކަސެއާ އެވެ. ދެ ވަނަ ލަނޑު 52 ވަނަ މިނެޓުގައި ޖެހީ އެވަޓަން އާއި އޭސީ މިލާނުގެ ކުރީގެ ކުޅުންތެރިއާ ޑެއުލޮފެއޫ އެވެ. އަދި ތިން ވަނަ ގޯލް އޭގެ ހަތަރު މިނެޓު ފަހުން ޖެހީ ޑެނިސް ސުއަރޭޒް ދިން ބޯޅައަކުން ހޯސޭ އާރްނައިޒެވެ.

ދެ ވަނަ ލެގު އޮންނާނީ ބާސެލޯނާގެ ސްޓޭޑިއަމުގައި އަންނަ މަހުގެ 30 ވަނަ ދުވަހުގެރޭގަ އެވެ.