25 އޮކްޓޯބަރ 2017 - 11:19

ބެއިޖިން (އޮކްޓޯބަރު 25) - ޗައިނާގެ ރައީސް ޝީ ޖިންޕިން ވެރިކަމުގައި އިތުރަށް ބާރުގަދަ ކުރެވޭ ގޮތަށް، ޗައިނާގައި އެންމެ ބާރުގަދަ ޕޮލިޓްބިއުރޯ ސްޓޭޑިން ކޮމިޓީ އަށް ހަތް މެންބަރުން އައްޔަން ކޮށްފި އެވެ.
ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ޕޮލިޓްބިއުރޯ ކޮމިޓީ އަށް ވަނީ އަލަށް ފަސް މެންބަރުން ހަމަޖައްސައިފަ އެވެ. ނަމަވެސް ރައީސް ޝީ އަށް ފަހު ވެރިކަމަށް ދެން ވަޑައިިގަންނަވާނެ ބޭފުޅެއް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ތަޖްރިބާކާރުން ބުނަނީ ރައީސް ޝީގެ ވިސްނުންފުޅަކީ ވެރިކަމުގެ ބާރުތައް ވީހާވެސް ބޮޑަކަށް ހޯއްދަވާ ވީހާވެސް ގިނަ ދުވަހު ވެރިކަމުގައި ހުންނެވުމެވެ. ރައީސް ޝީގެ ދެ ވަނަ ދައުރު 2022 ގައި ހަމަވާނެ އެވެ.
ޗައިނާގެ ފަހުގެ ތާރީޚުގައި ލީޑަރުން އާއްމުކޮށް ވެރިކަން ކުރައްވާފައި ވަނީ 10 އަހަރު އެވެ. އެކަމަކު 2022 ގެ ފަހުން ވެސް ޕާޓީގެ ލީޑަރުކަމާއި އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ޝީ އަށް ހުންނެވޭނެތީ، ރައީސް ކަމަށް ފަހު ވެސް ޗައިނާގެ ލީޑަޝިޕަށް ޝީގެ ނުފޫޒް އޮންނާނެ އެވެ.
އަލަށް އެކުލަވާލި ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީގައި އުމުރުުފުޅުން 64 އަހަރުގެ ޝީ އާއި ބޮޑު ވަޒީރު ލީ ކެގިއަން، 62، ފިޔަވައި ދެން މުޅިން ވެސް ތިއްބެވީ އާ ބޭފުޅުންނެވެ. ކޮމިޓީ އަށް އަލަށް ހަމަޖެއްސި މެންބަރުންނަކީ އެގްޒެކެޓިވް ބޮޑު ވަޒީރުގެ ނައިބަކަށް ހަމަޖެއްސި ވަން ޔަން، 62، އާއި ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންޒަލްޓޭޓިވް ކޮންފަރެންސްގެ ވެރިއަކަށް ހަމަޖެއްސި ހަން ޒެން، 63، އާއި ޕާޓީގެ އެންޓި-ކޮރަޕްޝަން ކޮމިޝަން ހިންގަން ހަވާލުކުރި ޒާއޯ ލެޖި، 60 އާއި ޗައިނާ ޕާލަމެންޓުގެ ރައީސްއަކަށް ހަމަޖައްސާނެ ކަމަށް ބެލެވޭ ލީ ޒަންޝޫ، 67، އަދި ވަން ހުނިން، 62، އެވެ.
ޕާޓީގެ ކޮންގްރެސްގައި ވަނީ އާ ސެންޓްރަލް މިލިޓަރީ ކޮމިޝަނެއް ވެސް ހަމަޖައްސައިފަ އެވެ.