04 ޖުލައި 2016 - 08:01

އެންޖެލީނާ ޖޯލީ އާއި ޗެނިން ޓެޓަމް ފަދަ މަޝްހޫރު އެކްޓަރުން ދަނީ އެ މީހުންގެ ތަޖުރިބާ ޔުނިވަސިޓީތަކުގައި ދަރިވަރުންނާ ހިއްސާ ކުރަމުންނެވެ.
މި ފުރުސަތު އެންމެ ފަހުން ލިބުނު މަޝްހޫރު އެކްޓަރަކީ "ދަ ވެޑިން ޕްލޭނާ" އާއި "ޑަލަސް ބަޔާސް ކުލަބް" ފަދަ މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ އެމެރިކާގެ އެކްޓަރު މެތިއު މެކޮނެހޭ އަށެވެ.
އޭނާ އަށް މިހާރު ވަނީ އެމެރިކާގެ ޓެކްސަސް ޔުނިވަސިޓީގައި ފިލްމު އުފެއްދުމާ ބެހޭ ގޮތުން ކުރިއަށް ގެންދާ ކުލާހެއްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ލިބިފަ އެވެ. މިކަން ޓެކްސަސް ޔުނިވަސިޓީން ކުރި ޓްވީޓަކުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ޔުނިވަސިޓީއަކީ މެތިއު، 46، ވެސް މަތީ ތައުލީމް ހާސިލް ކުރި ޔުނިވަސިޓީކަމެވެ.
މެތިއު އާ އެކު އޭނާގެ އެންމެ ފަހުގެ ފިލްމް "ފްރީ ސްޓޭޓް އޮފް ޖޯންސް" އަދި "ހަންގަ ގޭމްސް" ފަދަ މަޝްހޫރު ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު ގެރީ ރޮސް ވެސް ބައިވެރިވާނެ އެވެ.
އެ ދެ މީހުން ޓެކްސަސް ޔުނިވަސިޓީގައި ނަގައިދޭ ކުލާސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުލާހުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ އެކަމަށް ހުޅުވައިލާ ފުރުސަތުގައި ހޮވާލެވޭ 30 ދަރިވަރަކަށެވެ.
ޓެކްސަސް ޔުނިވަސިޓީގެ ކޮލެޖް އޮފް ކޮމިއުނިކޭޝަންގެ ތަރުޖަމާން އޮސްޓިން މޫޑީ ބުނީ މެތިއު އާއި ގެރީ ރޮސް ނަގައިދޭ ފިލްމް މޭކިން ކުލާގައި މިދިޔަ މަހުގެ 16 ގައި ރިލީޒް ކުރި "ފްރީ ސްޓޭޓް އޮފް ޖޯންސް" އާ ބެހޭ ވަރަށް ގިނަ މައުލޫމާތު ދަރިވަރުންނާ ހިއްސާ ކުރާނެ ކަމަށެވެ.
އަދި ފިލްމުން ފެނިގެން ނުދާ މަންޒަރުތަކެއް ދަރިވަރުންނަށް ދައްކާލަން ވަނީ ނިންމައިފަ އެވެ.