ކަސްޓަމްސްގެ އޮފީހެއް ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް 13 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި
ކަސްޓަމްސްގެ އޮފީހެއް ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް 13 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

އުތުރު ސަރަހައްދުގެ ކަސްޓަމްސް ހެޑް އޮފީސް ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް، 13.4 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އިސްމާއީލް އަބްދުﷲ އެވެ. އެސްޖޭ ކޮންސްޓްރަކްޝަން އިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އިސްމާއީލް ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތް ކުރާނީ ހަތަރު ބުރީގެ އިމާރާތެއް ކަމަށެވެ. އަދި މަސައްކަތް ނިންމައި 365 ދުވަހުގެ ތެރޭގައި އެ އިމާރާތް ކަސްޓަމްސްއާ ހަވާލުކުރަން ޖެހެ އެވެ.

"މި އިމާރާތަކީ ހަމައެކަނި އޮފީސް އިމާރާތެއް ނޫން. ކްލާސް ރޫމްތައް ވެސް ހުންނާނެ. އެޑިއުކޭޝަނަލް ކަންކަން ހިންގޭނެ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި އިމާރާތުގެ މަސައްކަތް ނިމުމުން، ކަސްޓަމްސްގެ މަސައްކަތްތައް އުތުރުގައި އިތުރަށް ފުޅާވެގެން ދާނެ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަން އިން ޝިހާދު ވިދާޅުވީ އިމާރާތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވެސް ކުޅުދުއްފުށީގައި ބައެއް މަސައްކަތް ކުރަމުން އެބަދަން. އެ ރަށަށް އަޅުގަނޑުމެން މިއޮތީ މޮބަލައިޒް ވެފައި މިހާރު ވެސް،" އޭނާ ވިދާޅުވި އެވެ.

ޝިހާދު ވިދާޅުވީ ސަރުކާރުގެ 200 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ޕްރޮޖެކްޓްތައް މިހާރު އެސްޖޭ ކޮންސްޓްރަކްޝަނުން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް ސަރުކާރުގެ 19 ޕްރޮޖެކްޓެއްގެ މަސައްކަތްތައް އެ ކުންފުނިން ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.