25 އޮކްޓޯބަރ 2017 - 10:29

މިހާރު ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް މާޒިޔާ އިން ކުރަން ޖެހޭ ކަމަކީ ޓީމެއްގެ ގޮތުގައި ކުޅެ އަދި މުހިއްމު ވަގުތުތަކުގައި މެޗަށް އިތުރު ސަމާލުކަން ދިނުން ކަމަށް އެ ޓީމުގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އޮތީ 19 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި 24 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓާ އެ ޓީމާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
އެންމެ ފަހުން ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވި މާޒިޔާ މިއަދު ހަވީރު ތިނަދޫއާ ދެކޮޅަށް ނުކުންނައިރު ސެކުލޮސްކީ ބުނީ ދަށް ނަތީޖާ އިން އަރައިގަތުމަށް މިއަދު މޮޅުވާން ޖެހޭ ކަމަށާއި އެކަމަކު ތިނަދޫ އަކީ ވަރުގަދަ ޓީމެއްކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. ތިނަދޫން ވަނީ ފުރަތަމަ ބުރުގައި މާޒިޔާއާ 1-1 އިން އެއްވަރުކޮށްފަ އެވެ.
"ތިނަދޫ އަކީ ވަރަށް ވަރުގަދަ ޓީމެއް. އެހެން ޓީމުތަކާ ފެންވަރުގެ ގޮތުން ދާދި އެއްވަރެއް. އެ ޓީމުގެ އެއްވެސް މަގާމެއް ދަށެއް ނޫން. އަނެއްކާ ބެންޗުގައި އެބަތިބި މޮޅަށް ކުޅޭ ތިން ހަތަރު ކުޅުންތެރިއެއް. އެހެންވީމާ މާދަމާ (މިއަދު) އަހަރެމެން މި ބަލަނީ ކުޅެން ޖެހޭނީ ވަރަށް ވަރުގަދަ މެޗެއް ކަމަށް. އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކައިގެން މޮޅުވެވޭނީ،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ ދަށް ނަތީޖާ އަކަށް ފަހު ޓީމުގެ އިތުބާރު އަލުން ހޯދުމަށާއި ރަނގަޅު މަގާމަކަށް ޖެހިލުމަށް މޮޅުވުމަކީ ވަރަށް މުހިއްމު ކަމަށާއި މި މެޗަކީ މާޒިޔާ އަށް ލިބޭ އެ ފުރުސަތު ކަމަށެވެ.
މާޒިޔާ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކެޕްޓަން އަދި އިސް ފޯވާޑް އަސަދުﷲ އަބްދުﷲ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. ބަދަލުގައި ގެނައި ބިދޭސީ ފޯވާޑް ކެރިޗް އަންދްރޭ އަށް ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ސެކުލޮސްކީ ބުނީ އަސަދުﷲ އަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށާއި އޭނާ ނެތި ކުޅުމަކީ ކޮންމެ ކޯޗަކަށް ވެސް ކުރިމަތިވާނެ އުނދަގުލެއް ކަމަށެވެ.
"ހަމައެކަނި އެ މައްސަލައެއް ނޫން. ކޮންމެ މެޗެއް ވެސް މި ކުޅެން ޖެހެނީ ކޮންމެވެސް ސަބަބަކާ ހުރެ މުހިއްމު ކުޅުންތެރިންތަކެއް ނެތި. ކާޑު ހަމަވެދާނެ. އަނިޔާވެދާނެ. މިފަދަ މައްސަލަތަކެއް މި އުޅެނީ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަދިވެސް މާޒިޔާގައި އެބަތިބި ވަރަށް މޮޅު ކުޅުންތެރިން. ކުރަން ޖެހޭނެ މެޗުގެ މުހިއްމު ވަގުތުތަކުގައި ސަމާލުކަން އިތުރުކުރަން. މެޗު ފަށާ ގަޑި އާއި ފުރަތަމަ ހާފު ނިމޭ ގަޑި އާއި ދެ ވަނަ ހާފު ފަށާ ގަޑި އަދި މެޗު ނިމޭ ގަޑި. މި ވަގުތުތަކުގައި ސަމާލުކަން ނުދެވިގެން މެޗުތައް އެބަހުރި ގެއްލިފައި،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ ތިނަދޫގައި ހުނަރުވެރި ވަކިވަކި ކުޅުންތެރިންތަކެއް ވެސް އެބަތިބި ކަމަށާއި މާޒިޔާ އަށް ޓީމެއްގެ ގޮތުގައި ކުޅެގެން ކުރި ހޯދޭނެ ކަމަށެވެ.
"ޓީމް ވޯކް އެއީ ވަރަށް މުހިއްމު ކަމެއް. ޓީމެއްގެ ގޮތުގައި ކުޅެގެން ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނާނީ،" ސެކުލޮސްކީ ބުންޏެވެ.