25 އޮކްޓޯބަރ 2017 - 10:40

ރިޔާޒް (އޮކްޓޯބަރު 25) - އިސްލާމް ދީނުގެ މެދުމިނުުގެ އުސޫލްތައް ސައުދީ އަރަބިއާ އަށް އަލުން ގެންނަވާނެ ކަމަށާއި އެއީ ހުރިހާ ދީންތަކަކަށް ވެސް ހުޅުވިފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ވެރިރަށް ރިޔާޒުގައި ބޭއްވި ފިއުޗާ އިންވެސްޓްމަންޓް އިނީޝިއޭޓިވް (އެފްއައިއައި) ސަމިޓުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ހައްދުފަހަނަޅައި ދިއުމާއި ޓެރަރިޒަމް ވެސް ސައުދީން ނައްތާލައްވާނެ ކަމަށެވެ.

"ސައުދީ އަރަބިއާ އަކީ މެދުމިނުގެ އިސްލާމީ އުސޫލްތައް ގާއިމްވެފައިވާ ގައުމަކަށް އަލުން ހަދާނަން. އެއީ ހުރިހާ ދީންތަކަކަށާއި ދުނިޔެ އަށް ހުޅުވާލެވިފައިވާ ގައުމަކަށް ހަދާނަން،" އުމުރުން 32 އަހަރުގެ މުހައްމަދު އެހެން ވިދާޅުވުމާ އެކު އޯޑިއެންސްގެ ބޮޑު ތަރުހީބެއް ލިބުނެވެ.
އެފްއައިއައި އަކީ ދުނިޔޭގެ އެކިި ހިސާބުތަކުން ސައުދީ އަރަބިއާ އަށް އިންވެސްޓްމަންޓް ހޯދުމަށް ބާއްވާ ސަމިޓެކެވެ.
ބައްޕާފުޅު ސަލްމާން ބިން އަބްދުލް އަޒީޒް ރަސްކަމުގެ ތަޚުތުގައި އިންނެވި ނަމަވެސް ގައުމުގެ އިގްތިސާދު ބައްޓަން ކުރުމުގެ އިސް މޭސްތިރިއަކީ މުހައްމަދެވެ. ތެލަށް ބަރޯސާވުން ކުޑަކޮށް ސައުދީގެ އިގްތިސާދު އެހެން ދާއިރާތަކަށް ހުޅުވާލަން ހިންގާ ވިޝަން 2030 ކުރިއަށް ގެންދަވަނީ ވެސް ބޮޑު ވަޒީރުގެ ނައިބުގެ އިތުރުން ދިފާއީ ވަޒީރުކަން ވެސް ކުރައްވާ މުހައްމަދެވެ.
އިސްލާމީ މެދުމިނުގެ އުސޫލްތައް ގެންނަވާނެ ކަމަށް މުހައްމަދު ވިދާޅުވި އިރު ސައުދީން މިހާރު ދަނީ ކުރިން މަނާކޮށްފައިވާ ބައެއް ކަންކަން ހުއްދަ ކުރަމުންނެވެ. ސައުދީގައި އަންހެނުންނަށް ކާރު ދުއްވުން މަނާކޮށްފައި އޮތް ނަމަވެސް އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. އަދި ސިނަމާތައް ހިންގުން ކުރިން މަނާ ނަމަވެސް މިހާރު އެކަން ވެސް ވަނީ ހުއްދަކޮށްފަ އެވެ. އަންހެނުންނަށް ކުޅިބަލަން ސްޓޭޑިއަމްތަކަށް ވެސް ދިއުން މިހާރު ހުއްދަ އެވެ.
ވަލީ އަހުދުގެ ބައެއް ނިންމެވުންތަކާ ސައުދީގެ ދީނީ ބައެއް ލީޑަރުން ހިތްހަމަޖެހިވަޑައިނުގެންނެވި ނަމަވެސް މުހައްމަދު ވިދާޅުވީ ސައުދީ އަށް އެކެހެރިވެގެން ނޯވެވޭނެ ކަމަށާއި ދުނިޔެ އަށް އަންނަ ތަރައްގީގެ ބަޔަކަށް ސައުދީ ވެސް ވާން ޖެހޭނެ ކަމަށެވެ.
"ސައުދީގެ އާބާދީގެ 70 ޕަސެންޓަކީ 30 އަހަރުން ދަށުގެ ޒުވާނުން. އުމުރުގެ 30 އަހަރު ހަރުކަށި ވިސްނުމާ ދެކޮޅަށް ހޭދައެއް ނުކުރެވޭނެ،" ސަލްމާން ވިދާޅުވި އެވެ.