25 އޮކްޓޯބަރ 2017 - 06:14

އާދިއްތަ ދުވަހާ ގުޅޭ
އޮފީހުގައި އުޅޭއިރު އަޔާޒު ސައިބޯން ވެސް އަހަރެން އަތުން ފައިސާ ގެންދެއެވެ. ސައިބޯން ލާރި ދޭށެކޭ ނުބުނާނެއެވެ. އެއްބައި ފަހަރު އަންނާނީ އެއްކޮށް އޮތް ސަތޭކަ ރުފިޔާ ހޯދާށެވެ. އަނެއްބައި ފަހަރު، އޭނަ އަތުގައި ހުރި ވަކި ރުފިޔާތައް އެއްކޮށްލާށެވެ. އެ އިން ކޮންމެ ފަހަރަކު ވެސް، އަހަރެން އަތުން ކޮންމެވެސް އަދަދަކަށް ފައިސާ "ދަމައިގަންނާނެއެވެ." އޭނަ ދޭނީ މަދުންނެވެ. ކޮންމެ ފަހަރަކު ވެސް އަހަރެން ހީކުރަނީ، ގުނުމުގައި އަޔާޒަށް އޮޅުމެއް އަރަނީކަމަށެވެ. އެ ސިއްރު ބޭޒާރުވުމުން އަހަރެން ވީ ފާޑެއްގެ ފޫއްސެކެވެ. އަހަންނާ އިންނަން އަޔާޒު ބޭނުންވީ އަހަރެންގެ ތަނަވަސްކަމުގައި އުޅެން ހެއްޔެވެ؟ އަހަރެންގެ ގެދޮރު ހުރީމައި ހެއްޔެވެ؟ އަހަރެން ދެކެ ލޯތްބަކުން ނޫން ހެއްޔެވެ؟ ދެން އަހަރެން ހަމަ އެކައްޗެކޭ ވެސް ނުބުނެ އެ ކަމަށް ރުހިގެން ހުންނަންވީ ހެއްޔެވެ؟ ދަރިޔަކު ލިބުނީމަ އެ ދަރިފުޅަށް ވެސް ޚަރަދުކުރަންވީ އަހަރެން އެކަނި ހެއްޔެވެ؟ ހުސްހަށިބަޔަށް ހުއްޓަސް އެ އަށް ވުރެ ރަނގަޅުވާނެއެވެ. އަހަރެން ހުވަފެނުން ދުށް ޒިންމާދާރު ފިރިމީހާ ކޮބައި ހެއްޔެވެ؟
ކަމެއް ރަނގަޅުކުރަން ބޭނުން ނަމަ، ގޯސްވި ހިސާބުން ފިޔަވަޅުއަޅަން ޖެހޭނެއެވެ. އަހަންނަށް އެ ކަމެއް ނުކުރެވުނެވެ. ނޭނގޭކަމަށް ހެދިގެން ހުރުމަކީ، ކަންކަން ރަނގަޅުވާ ކަމެއް ކަމުގައި ހީކުރާ މޮޔައިންގެ ތެރޭގައި އަހަރެން ވެސް ހިމެނުނީއެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ސާމާނު ގަތުމުގެ ޚަރަދާއި، އަހަރެން ޑޮކްޓަރަށް ދެއްކުމުގެ ޚަރަދު ވެސް ކުރީ އަހަންނެވެ. އަޔާޒު ހިތުން އަހަންނަށް އެ ކަމެއް ފާހަގައެއް ނުވެއެވެ. ވި ނަމަ އެ ވާހަކަ އަހަރެން ދެއްކީހެވެ. ނޫނެކެވެ. އެއީ ވަރަށް ލަދުވެތިކަމެކެވެ. އެ ކަމާ ގުޅޭ ގޮތުން ރައްޓެއްސަކާ މަޝްވަރާކުރާކަށް ވެސް އަހަންނަކަށް ނުކެރުނެވެ. އަޔާޒު ދެކެ މީހުން ފޫހިވެދާނެތީއެވެ. އެންމެންގެ ނަޒަރުގައި އަހަރުމެންނަކީ "ނަމޫނާ" ދެމަފިރިންނެވެ. އެ ޝަރަފު ގެއްލެން ބޭނުންވާނީ ކާކު ހެއްޔެވެ؟ ގޯހަކަށް ފަހު ގޯހެއް އަހަރެން ހެދީމެވެ.
އަހަރުމެންގެ ދަރިފުޅަށް ދުނިޔޭގެ އަލިކަން ފެނުނެވެ. ޒަމާންގަނޑަކަށް ފަހު ގެޔަށް ތުއްތުކުއްޖެއް އައުމުން އެންމެން ވެސް ވަރަށް ލޯބިވިއެވެ. އަހަރެން އޮތީ އުފާވާން ނޭނގިފައެވެ. ކައިވެނި މިސްރާބުޖަހައިފައި ހުރީ އަނދަވަޅަކާ ދިމާއަށެވެ. ކާންދޭނެ އިނތުރު އަނގަޔަކާ އިނދެގެން އަހަންނަށް އުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ދެ "ދަރިން" ގެންގުޅޭހާ ހިތްވަރެއް ނެތެވެ. އެހެންނަމަވެސް ގެއަށް ހީވަނީ ޢީދެއް އައިސްގެންއުޅޭހެންނެވެ. ތަހުނިޔާ ކާޑުތަކާއި ހަދިޔާތައް އޮހުނެވެ. އަހަރެންގެ ދަރިފުޅަށް ބޭނުންވާ ހުރިހައި އެއްޗެއް ކަހަލަ ގޮތަކަށް، ހިލޭ ލިބެމުންދިޔައެވެ. އަހަރެން ކުޅުނީ ތަމްސީލެކެވެ. ހިތުގައި ފޮރުވިފައިވާ އުދާސްތައް ބޭރަކަށް ފާޅެއް ނުކުރަމެވެ. ނަސީބަކުން، އަޔާޒު ގާތުގައި ދަރިފުޅަށް އެއްޗެއް ގަންނަން ބުނާކަށް ނުޖެހުއެވެ. ދަރިފުޅަށް އަހަރު ވަންދެން ވެސް ކަންއޮތީ އެ ގޮތަށެވެ. އެހެންނަމަވެސް، އަޔާޒާ އެ ސުވާލުކުރަން އަހަރެން ކެތްމަދުވަމުންދިޔައެވެ. އަހަރުމެންނަށް ޚަރަދުކުރަން އަޔާޒު ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެ އަށް ވުރެ ވެސް ބޮޑަށް، އަޔާޒުގެ މުސާރަޔަށް ހަދަނީ ކިހިނެއް ހެއްޔެވެ؟
އަޔާޒުދެކެ އަހަރެންގެ މައިންބަފައިން ވަރަށް ލޯބިވެއެވެ. އަޔާޒު ދެއްކި ދަޅަޔަށް އެ މީހުން ތިބީ ވަރަށް ބޮޑަށް ހެއްލިފައެވެ. ފުރަތަމަ ސަބަބަކީ، އަޔާޒުގެ އިޚުތިޔާރުކޮށްގެން އުޅޭ ސިފައެވެ. ހީވާނީ އޭނައަށް ވުރެ ބޮޑަށް ދީން ދެކެ ލޯބިވާ މީހަކު ހިސާބުގަނޑުގައި ވެސް ނޫޅޭ ހެންނެވެ. އެ ކަމުގައި ދެއްކުންތެރިކަން އެކުލެވިފައިވާ ވަރު އެނގެނީ އަހަންނަށެވެ. ބޮޑުކޮޓަރީގެ ސޯފާގައި ބައްޕަ ނުވަތަ މަންމަ އިނދެއްޖެ ނަމަ، އަތަރުލައިގެން އަޔާޒު ދާނީ މިސްކިތަށެވެ. ނުވަތަ އެހެންކަމުގައި އަހަރެން އުންމީދުކުރަމެވެ. މައިންބަފައިން ފެންނަން ނެތިއްޔާ، ކޮޓަރީގައި ވެސް ނަމާދެއް ނުކުރެއެވެ. އޮންނަނީ ފޯނާ ކުޅެން އެނދުގައެވެ. ނޫނީ އޮންނާނީ ނިދާފައެވެ. އަހަރެން އެ ހުރިހައިކަމެއް ބަލާކަމެއް އަޔާޒަކަށް ނޭނގެއެވެ. އަހަރުމެން ދެމަފިރިން އެއްތަނެއްގައި ތިއްބައި މަންމަ އަތުވެއްޖެ ނަމަ، ކޮންމެވެސް ވާހަކައެއްގެ ތެރެއިން އަހަރެން ބުރުގާ ނާޅާ ވާހަކަ ނަގައެވެ. ބުރުގާއެޅުމާ ބެހޭގޮތުން އަހަންނަށް ނަޞޭޙަތްތެރިވެއެވެ. އެ ކަން ނުކުރުމުން ނުކުންނާނެ ނަތީޖާ ހަނދާންކޮށްދެއެވެ. ބުރުގާއެޅުމުގެ ޝައުޤުވެރިކަން އަހަރެންގެ ހިތުގައި ދިޔައީ އުފެދެމުންނެވެ. އެ ކަން ގޯހެއް ނުކުރަމެވެ. އެކަމަކު، އަހަރެންގެ މައިންބަފައިން ތިބޭ ތަންތަނުގައި އަޔާޒު އެ ވާހަކަދައްކަނީ އެހެން ބޭނުމަކުއެވެ. އެ ބޭނުން ފުދެއެވެ. ކާން އިށީނދެފައި ބައްޕަ ފުރަތަމަ އަހާނީ އަޔާޒު ކޮބައިތޯއެވެ. އަޔާޒަށް މީރު އެއްޗެހި ކައްކަން މަންމަ ހުންނަނީ މޮޔަވެފައެވެ. އެ އިން ކޮންމެ ކަމަކީ، އަހަރެންގެ ދުލުގައި ހަރުކުރެވޭ ތަޅެކެވެ.
އެންމެ ފުރަތަމަ އަހަންނަށް އަޔާޒު ފެނުނުއިރު އޭނައަކީ ވަރަށް ސާދާ ދިރިއުޅުމެއް އުޅޭ މީހެކެވެ. ދިރިއުޅޭ ކުލީ ކޮޓަރި ސާފުކުރަނީ އަޔާޒު އަމިއްލަޔަށެވެ. އޭނަ ބުނަނީ އެހެންނެވެ. އެ ތަނަކަށް އަހަރެން ނުއެއް ވަންނަމެވެ. ސާފުތާހިރުކޮށް އަޔާޒު ހުއްޓަސް، އޭނަ ގެންގުޅޭނީ ވަރަށް އާދައިގެ އެއްޗިއްސެވެ. އަންނައުނުގައި ލައްތަކާއި، ރޫ ވެސް ހުރެއެވެ. އަހަންނާ ކައިވެނިކުރި ފަހުން އަޔާޒުގެ ލައްކަ ގިނަ ކަންތައް ބަދަލުވިއެވެ. ހުރި ހުރިހައި އަންނައުނެއް ކެންސަލުކުރިއެވެ. ރީތި އަންނައުނާއި، މީރުވަސް ދުވާ ސެންޓާއި، މަޝްހޫރު ގަޑިއާއި، ފަހުގެ އައިފޯނު ގެންގުޅެން ފެށިއެވެ. ކީއްވެ ހެއްޔެވެ؟ ޒަމާނާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އަހަންނަށް އެނގޭތީއެވެ. އަޔާޒަށް ޚަރަދުކުރަނީ އަހަރެންކަމުގައި ވީތީއެވެ. މީހުންނަކަށް އެ ކަމެއް ނޭނގެއެވެ. އަޔާޒުގެ ލޯބީގައި އަހަރެން ހުރީ ދެ ލޯ ކަނުވެފައެވެ.
އަހަންނާ އިނުމަށް ފަހު އަޔާޒު ވަރަށް ހިތްމޮޅުވިއެވެ. އިސްތިރިކޮށްފައި ކޮނޑުގައި އެޅުވޭ ގޮތަކުން ގަމީހުގައި ކިރިޔާ ރުލެއް ޖެހުނަސް، އެ ގަމީހެއް ނުލައެވެ. ދެން އެ ވީ އަންބެއްގެ ޒިންމާތައް އަހަންނަށް ހަނދާންކޮށްދޭށެވެ. ފިރިމީހާއަށް ކުރަންޖެހޭ ޚިދުމަތުގެ ބޮޑު ތަޤުރީރެއް ފަށައެވެ. ކުށްވެރިޔަކީ އަހަރެން ކަމުގައި ވެދާނެއެވެ. އޭނަގެ ފެންވަރު އޭނަޔަށް އޮޅުވައިލީތީއެވެ. ނަތީޖާ ވަރަށް ހިއްޗެވެ. އަހަންނަށް ހުރެވެނީ އަޔާޒު ރުޅިއަތުވެދާނެތީ ސިހިސިހިއެވެ. އަޔާޒު ދުވަހަކު ވެސް އަހަންނަކަށް އަނިޔާއެއް ނުކުރެއެވެ. ބޭރަށް އަޑުއިވޭ ވަރަކަށް ހަޅޭކެއް ނުލަވައެވެ. އެކަމަކު، ކުއްލިކުއްލިއަށް ރުޅިއައިސްފައި އަހަރެން ސިއްސައިލަން އަޔާޒު ވަރަށް ކުޅަދާނައެވެ. އޭނަ ކަމަކަށް ބޭނުންވެއްޖެ ނަމަ، އެ ކަން ކޮށްދޭން އަހަންނަށް ވާޖިބުވާނެއެވެ. އަހަރެން އެ ފަދަ ކަމަކަށް އެދިއްޖެ ނަމަ އެއީ އަހަރެންގެ ވަޙްޝީކަމެވެ. އަހަރެން ޖެހޭނީ ކެތްތެރިވާށެވެ. އަހަރެންގެ ހިތުގައި އިހުސާސް އުފެދިގެން ނުވާނެއެވެ. އުފެދޭ ނަމަ އެއީ މައްސަލައެކެވެ. އަހަރެން ޖެހޭނީ ރޯދަހިފައިގެން އަހަރެންގެ އިހުސާސްތައް އޮބަހައްޓާށެވެ. އެންމެ ފަހުން އަހަރެން އެ ބާބު ނިންމައިލީއެވެ. ބޮލަށްފަސޭހަ ކުރުމަށް ޓަކައެވެ.
ކައިވެންޏެއް ދެމެހެއްޓެނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ އިތުބާރާއި ލޯބި ދިނުމެވެ. އަނެއް ގޮތަކީ ކޮންމެ ގޮތެއް ވަރިހަމަ ވުމެވެ. އަހަރެން ކޮންމެ ގޮތެއް ވަރިހަމަކޮށްލީއެވެ. ހުރިހައި ކަމެއްގައި ވެސް ފިރިމީހާއަށް ދޫދިނީއެވެ. ޖެހި ބެރަކަށް ނެށީއެވެ. ޝަކުވާއެއް ނުކުރަމެވެ. ހިތަށްއެރިއެވެ. ދަރިޔަކު ވެސް ލިބުނީއެވެ. ކެތްކޮށްލަނިކޮށް ހުރިހައި ކަމެއް ރަނގަޅު ވާނެއެވެ. ނަތީޖާއަކަށް ވީ ދެވަނަ ދަރިޔަކަށް އަހަރެން ބަނޑުބޮޑުވުމެވެ. މައްސަލަ ޙައްލުވީކީ ނޫނެވެ. ދެން ކުރިމަތިވީ އާ މައްސަލަތަކެކެވެ. އިތުރު އުނދަގޫތަކެކެވެ.
ނުތަންވަޅު އަޔާޒު އޮފީހަށް ދާން ފެށިއެވެ. ކުރާ މަސައްކަތެއް ނުބުނެދެވެއެވެ. ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ އޮފީހަކީ އަހަރެންގެ ވެސް އޮފީހެވެ. އިމާރާތް ކިތަންމެ ބޮޑަސް، ތަނުގެ އުސޫލުތައް އޮންނަ ގޮތް އަހަންނަށް ވުރެ ބޮޑަކަށް އަޔާޒަކަށް ނޭނގޭނެއެވެ. އަހަންނަކީ ޑިޕާޓުމެންޓެއްގެ އިސް ވެރިޔެކެވެ. އަޔާޒަކީ އަހަރެންގެ ދަށުން މަސައްކަތްކުރާ މުވައްޒަފެކެވެ. އަހަރެންގެ އޮފީހަކީ، ސީސީޓީވީ ކެމެރާ އެންމެ ގިނަ އެއް އޮފީހެވެ. އަޔާޒުގެ ބޯކޮޅުބެލުމަކީ، ފެންފޮދެއް ދިރުވައިލުމަށްވުރެ ވެސް އަހަންނަށް ފަސޭހަ ކަމެކެވެ.
އައިޓީ ޑިޕާޓުމަންޓުގައި އެންމެ އިސްކޮށް އުޅެނީ ޒުލޭޚާއެވެ. އަހަރެންގެ ގާތް އެކުވެރިއެކެވެ. އަޔާޒަށް ފާރަލައިދޭން ބުނިތާ ތިން ދުވަސް ނުވަނީސް ޒުލޭޚާ ގެނެސްދިނީ ޕެންޑްރައިވެކެވެ. އަހަރެން ވަރަށް ފަރުވާތެރިކަމާއެކު ޒުލޭޚާއަށް ބަލައިލީމެވެ. އޭނަގެ މޫނުމަތިން ފާޅުވަމުންދިޔައީ ނުތަނަވަސްކަމެވެ. އަހަރެން ކޮންޕިއުޓަރަށް ޕެން ޖަހަން ފެށުމުން، އެ ތަނުގައި ނުހުންނަންވެގެން ޒުލޭޚާ ނުކުތެވެ. އަހަރެން އެ މަންޒަރުތައް ބެލީމެވެ. ނިއްވައިލީ ހިތަށް ކެތް ނުވެގެންނެވެ. އެ ހިސާބުން އަހަރެން ދެން ދިޔައީ ގެއަށެވެ. ރޮއިރޮއި ލޮލުން ކަރުނަ ހުސްވާނެ ނަމަ އެ ދުވަހު ހުސްވީހެވެ. ނޫނޭވާ ނުލަފާ ފިރިހެނުން އުޅެޔޭ އަހަރެންގެ ހިތަށްއެރިއެވެ.
"މިއަދު ލީލާޔާ ދިމާވިތަ؟" އެ ދުވަހު އަޔާޒު ގެއަށް އައުމުން އަހަރެން ސުވާލު ކުރީމެވެ.
އަހަންނާ ދިމާއަށް އަޔާޒު ބަލައިލިއެވެ. ކަޅިޖަހައި ނުލައި އަހަރެން ބަލަހައްޓައިގެން ހުރީމެވެ. ރޮއިރޮއި ރަތްވެފައިވާ އަހަރެންގެ ދެ ލޮލުން އަޔާޒަށް ސަބަބު އެނގުނެވެ.
"ކޮބާ މައްސަލައަކީ؟ ފިރިހެނަކަށް ދެ އަނބިން ހުއްދަވާނެ،" ވަރަށް ހަމަޖެހިލައިފައި އަޔާޒު ބުންޏެވެ. "ކީއްވެ މޮޔަވެގެން ތި އުޅެނީ؟ އަހަންނަށް ލިބޭ މުސާރައިން އަހަންނަށް ދެ އަނބިން ގެންގުޅެވިދާނެ."
"ތި މުސާރަ މަށަކަށް ނުފެނޭ." އަހަރެން ބުނީމެވެ.
"ކަލޭ އޮފީހުން ކެނޑިގެން ގޭގަ ހުރޭ،" އަޔާޒު ބުންޏެވެ. "އޭރުން މުސާރަ ގެންނަ ގޮތަށް ދޭނަން ކަލޭ އަތަށް."
"ކިހިނެއް އޮފީހުން ކެނޑޭނީ؟" އަހަރެން ބުނީމެވެ. "މަ އޮފީހުގަ އުޅޭކަމުން މިހާރު ވެސް މި ދެކޮޅުޖެއްސެނީ."
"ތިހެން ނުބުނެ ރީތިކޮށް ބުނެބަލަ މަށަށް ވުރެ ބޮޑު މުސާރަ ލިބޭތީއޭ އޮފީހުން ކެނޑެން ނުކެރިގެން ތި އުޅެނީ،" އަޔާޒުގެ އަސްލު މައްސަލަ ފެންމަތިވީ އެ ހިސާބުންނެވެ. "ބަދޫރާ ބޭނުންވަނީ ފިރިމީހާ ދަށުކޮށްގެން ގެންގުޅެން. ބާރުހިންގަން. ތީ ހަމަ ހީވާ ގޮތް. ގިނަ ފައިސާ ލިބުނަސް ފިރިމީހާގެ މައްޗަކަށް އަނބިމީހާގެ ބަހެއް ނުހިނގާނެ. އޮޅިގެން ނޫޅޭ. ކިތަންމެ ލާރިއެއް ލިބުނަސް ބަދޫރާގެ އަމުރުހިނގާނީ އޮފީސްތެރޭގަ. މި ގޭގަ އޮންނާނީ މަގޭ ބާރު. މަ ބޭނުން ގޮތަކަށް ކަންތައް ކުރާނީ."
ނުނިމޭ