24 އޮކްޓޯބަރ 2017 - 17:26

އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ބުނެ ގާރީ ހުސައިން ތައުފީގް ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ ކުށް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަޝްހޫރު ގާރީ ތައުފީގް އޮރިޔާން ކާޑު ގެންގުޅުނު ކަން ސާބިތުވާ ކަމަށް ނިންމައި، އޭނާ 43،000ރ. އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރުގެ ތެރޭގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި އޭނާގެ ކޮޓަރި ފާސް ކުރިއިރު އެތަނުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނުނު ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކުރީ ތައުފީގްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އޮރިޔާން މަންޒަރު ފެނުނު ކަމަށް ބުނާ ހާޑް ޑިސްކާއި މޮބައިލް ފޯން ފުލުހުން އެނަލައިޒް ކުރިއިރު އެ ތަކެތި ހުުރީ ޑިލީޓް ކޮށްފައި ކަމަށްވާއިރު އެ ފައިލްތައް ކްރިއޭޓް ކުރި ތާރީޚާއި ޑިލިޓްކުރި ތާރީޚުތައް އެ ތަކެތީގެ އެނަލައިޒް ރިޕޯޓުން އެނގެން ނެތް ކަމަށެވެ. އެހެންވެ އެ ފައިލްތަކަކީ ތައުފީގް އެ ތަކެތި ގެންގުޅުނުއިރު އަޅާފައި ހުރި ފައިލްތަކެއް ކަން ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯތަކެއް ސީޕީޔޫގެ ހާޑް ޑިސްކުގެ ފޯލްޑާއަކުން ފެނިފައި ވިޔަސް އެފަދަ ފައިލްތަކަކީ އިންޓަނެޓުން ޓްރާންސްފާ ކުރެވިދާނެ ފަައިލްތަކެއް ކަމަށް އެނަލައިޒް ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ. އެހެންވެ އެ ފޮޓޯތަކަކީ ވެސް ތައުފީގް ގެންގުޅުނު ތަކެތި ކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އޮރިޔާން މަންޒަރު ހިމެނޭ ސީޑީއެއް އެ ކޮޓަރިން ފުލުހުންނަށް ފެނިފައިވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް އެ ސީޑީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް (ފުލުހުން ހޯދާ ހެކިތައް ނަގުލުވުމުންދާ ގޮތް ބަޔާންކުރާ ފޯމް) ނެތުމުން އެ ސީޑީއަކީ އެ ކޮޓަރިން ފެނުނު އެއްޗެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ސީޑީގެ ބޭރުގައި ނަމެއް ލިޔެފައި އޮތްއިރު އެ ނަން ހިމެނޭ ސީޑީއެއް އެތަނުން ފެނުނު ކަމަށް ފުލުހުން ބުނެފައި ނެތުމުން އެ ސީޑީއަކީ ވެސް ތައުފީގް ކޮޓަރިން ފެނުނު އެއްޗެއް ކަން ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
އާންމު ތަނެއްގައި ބަދު އަޚުލާގީ އަމަލު ހިންގިކަމުގެ ކުށުގައި ތައުފީގް ހަ މަހަށް އަރުވާލަން ވެސް ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރި އެވެ. ފަހުން އެ ހުކުމް ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށް، ތައުފީގްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.