24 އޮކްޓޯބަރ 2017 - 16:00

ސަރުކާރުގެ ރަސްމީ ގަޑީގައި، އަމިއްލަ ކަންކަމުގައި ބޭރުގައި އުޅޭ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އިން ކަނޑަން ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އާއްމުކުރި ސާކިއުލާގައި ބުނެފައި ވަނީ ރަސްމީ ވަގުތުތަކުގައި ބޭރުގައި އުޅޭ ނަމަ މުސާރަ އިން ކަނޑާ ގޮތަށް ނިންމައި ގަވާއިދަށް ދެ އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ގަވާއިދުގެ 160 ވަނަ މާއްދާގެ (ށ) އަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، މުވައްޒަފެއް ވަޒީފާ އަދާކުރަން ޖެހޭ ގަޑީގައި މަސައްކަތަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރަ އަދި ސާވިސް އެލަވަންސް އިން އުނިކުރާނެ އެވެ.
އެ މާއްދާގެ ނ. އަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ މުވައްޒަފަށް ދެވޭ ހުސްވަގުތުކޮޅުގެ އިތުރުން އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރަ އަދި ސާވިސް އެލަވަންސް އިން އުނިކުރާނެ އެވެ.
ސަރުކާރު މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 30،000 މީހުން މަސައްކަތް ކުރާއިރު، ރަސްމީ ގަޑި އަކީ ހެނދުނު 8:00 އިން މެންދުރު 2:00 އެވެ. އަދި މަސައްކަތަށް ދަތި ނުވާ ގޮތަށް 30 މިނެޓުގެ ބްރޭކެއް ކޮންމެ މުވައްޒަފަކަށް ނެގޭނެ ކަމަށް ގަވާއިދުގައިވެ އެވެ.