ނަދީމްގެ މަރުގެ ދައުވާ ލިބޭ މީހުންގެ ޝަރީއަތް މާދަމާ ފަށަނީ
ނަދީމްގެ މަރުގެ ދައުވާ ލިބޭ މީހުންގެ ޝަރީއަތް މާދަމާ ފަށަނީ

މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީންގެ މައްޗަށެވެ.

މަފާޒްގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ބޭނުން ކުރުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި ދެ މީހުންނަށް ކުރަނީ އެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނެވެ. މާދަމާ އޮންނާނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ބާއްވާ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުމަކީ ދައުވާ ލިބޭ މީހުންނަށް ދައުވާ ސާފުވިތޯ އާއި ލިބެންޖެހޭ ހައްގުތައް ދިނުމަށް ބާއްވާ އަޑުއެހުމެކެވެ.

ނަދީމްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޖުވެނައިލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނަދީމް މަރާލާފައިވަނީ މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ހަމަލާ ދިނީ އެކަމަށްޓަކައި ތައްޔާރު ވެގެން ސައިކަލުތަކެއްގައި ގޮސްގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.