24 އޮކްޓޯބަރ 2017 - 15:21

ޖެނީވާ (އޮކްޓޯބަރު 24) - ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ޖެނީވާގައި އިއްޔެ ފެށި ބައްދަލުވުމުގައި 345 މިލިއަން ޑޮލަރު ދޭން ގައުމުތަކުން އެއްބަސްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އދ. އިން ބުނެފައި ވަނީ ބަންގްލަދޭޝްގައި މިހާރު ތިބި ރޮހިންޖާ 900،000 ވަރަކަށް ރޮހިންޖާ މީހުންނަށް އެހީ ދިނުމަށް ފެބްރުއަރީ މަހާ ހަމައަށް 434 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
އދ.ގެ ހިއުމެނިޓޭރިއަން އެފެއާޒްގެ އަންޑަ ސެކްރެޓަރީ ޖެނެރަލް މާކް ލޯކޮކް ވަނީ ރޮހިންޖާ އަށް އެހީދޭ ފަރާތްތަކުން ދިން ބޮޑު އެހީ އަށް ތައުރީފް ކުރައްވައިފަ އެވެ. ބައްދަލުވުމުގެ ކުރިން ވެސް ބައެއް ގައުމުތަކުން ވަނީ އެހީ ދޭން ބުނެފަ އެވެ. ލޯކޮކް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެހީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން އާއި ކުވޭތުން ސްޕޮންސާކޮށްގެން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 35 ގައުމާއި އެކި ޖަމިއްޔާތަކުގެ ތެރޭން އެހީ ދޭން ބުނި ގައުމުތައް ތިރީގައި އެވަނީ އެވެ.
- އިނގިރޭސި ވިލާތް (63 މިލިއަން ޑޮލަރު)
- ޔޫރަޕިއަން ޔޫނިއަން (42 މިލިއަން ޑޮލަރު)
- އެމެރިކާ (38 މިލިއަން ޑޮލަރު)
- ސްވިޑަން (24 މިލިއަން ޑޮލަރު)
- ސައުދީ އަރަބިއާ (20 މިލިއަން ޑޮލަރު)
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ޑިރެކްޓަ ޖެނެރަލް ވިލިއަމް ލޭސީ ސްވިންގް ވިދާޅުވީ ބަންގްލަދޭޝް އަށް ވަންނަ ރޮހިންޖާ މީހުންނަކީ ދުނިޔޭގައި މިހާރު އެންމެ ބޮޑު ރެފިއުޖީންގެ މައްސަލަ ކަމަށެވެ.
މިއަންމާގެ ރަކީންގައި އެންމެ ފަހުން ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން ބަންގްލަދޭޝް އަށް ވަން ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ. ރެފިއުޖީންގެ މައްސަލަ މި ފަހުން އުފެދުމުގެ ކުރިން ވެސް ބަންގްލަދޭޝްގައި ރޮހިންޖާ ރެފިއުޖީންގެ ތިން ލައްކައެއްހާ މީހުން ދިރިއުޅެ އެވެ.