24 އޮކްޓޯބަރ 2017 - 15:02

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މަޖިލިސް މެމްބަރުގެ ހެކިބަސް ސިއްރު ނަގައިދޭން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ފާރިސް ރިޝްވަތު ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން އެގޮތަށް އެދުނީ އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުގެ ހުށަހެޅުންތައް ހުށަހެޅުމަށް މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. ކުރީގެ އަޑުއެހުމެއްގައި ވެސް އެ ހެކިވެރިޔާގެ ހެކިބަސް ސިއްރުކުރަން ބޭނުންވާ ކަމަށް ދައުލަތުން ބުނެފައި އޮތަސް ރަސްމީކޮށް އެ ހުށަހެޅުން ހުށަހެޅީ މިއަދެވެ. އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހަމައެކަނި ހުށަހެޅުމަކީ ވެސް އެއީ އެވެ.
ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ އެ މެމްބަރުގެ ހެކިބަސް ސިއްރުކޮށްދޭން ދައުލަތުން އެދުނީ އޭނާއަކީ ކާކުކަން އެނގޭ ގޮތަށް ހެކިބަސް ނަގައިފި ނަމަ އޭނާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އެކަމަކު ދައުލަތުގެ އެ ހުށަހެޅުމަށް ފާރިސްގެ ވަކީލުން ދެކޮޅު ހެދި އެވެ.
ފާރިސްގެ ވަކީލުންގެ ޓީމުން ބުނީ އެ މެމްބަރުގެ ހެކިބަސް ސިއްރުކޮށްދޭން އެދިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫން ކަމަށެވެ. އެ ހެކިވެރިޔާއަކީ ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ މީހެއް ކަމަށްވާއިރު، އޭނާގެ ހެކިބަސް ސިއްރު ކުރަންޖެހެނީ ކީއްވެގެންތޯ ވަކީލުން ސުވާލު އުފެއްދެވި އެވެ. ނުފޫޒު ފޯރުވުމުގެ ފުރުސަތު ފާރިސް އަށް އޮތީ ކިހިނެއްކަން ސާފުނުވާ ކަމަށް ބުނެ، ވަކީލުން ވަނީ އެގޮތަށް ހެކިބަސް ނަގައިފި ނަމަ ދޮގު ހެކިބަސް ދިނުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އަދި ހެކިބަސް ނަފީކުރަން ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ފާރިސަށް ގެއްލޭނެ ކަމަށް ވަކީލުން ބުންޏެވެ.
"އަޅުގަނޑުމެންނަކަށް ނުވިސްނޭ ޝަރީއަތުގެ މަޖިލީހުގައި އިނދެގެން ފާރިސް އެ ހެކިވެރިޔާއަށް ނުފޫޒު ފޯރުވާނީ ކިހިނަކުން ކަމެއް." ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
އޭގެ ރައްދުގައި ދައުލަތުން ބުނީ އެ ހެކިވެރިޔާއަކީ ހެކިބަސް ގަބޫލު ނުކުރެވޭ ފަދަ ކުށެއް ސާބިތުވެފައިވާ މީހެއް ނޫން ކަމަށާއި އެކަން ޝަރީއަތަށް ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި ހެކިބަސް ސިއްރުން ނެގިޔަސް ހެކިވެރިޔާއާ ސުވާލު ކުރުމުގެ ފުރުސަތު ފާރިސަށް ވެސް ލިބޭނެ ކަމަށާއި މީގެކުރިން ވެސް ކޯޓުތަކުން އަމަލުކުރީ އެ އުސޫލުން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ އެ ހުށަހެޅުމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ ދެ ފަރާތުގެ ހުރިހާ ހުށަހެޅުންތަކަކަށް ދެ ފަރާތުން ވާހަކަ ދައްކައި ނިމުމުން ކަމަށެވެ.
ފާރިސްގެ ފަރާތުން 22 ހުށަހެޅުމެއް ހުށަހެޅިއިރު މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން އެންމެ ބޮޑަށް ބަހުސްކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ނެތީސް ޝަރީއަތް ހިންގާތީ އެކަމާ ގުޅޭގޮތުންނެވެ.
ގަވާއިދު ނެތީސް ޝަރީއަތް ނުހިންގޭނެ ކަމަށް ފާރިސްގެ ވަކީލުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނީ ގަވާއިދު ނެތަސް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ގަވާއިދު ނެތިގެން ކަމަށް ބުނެ ޝަރީއަތްތައް ހުއްޓާލާ ނަމަ އެއީ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތް ކުރެވުމަށް ގާނޫނު އަސާސީން ލިބިދޭ ހައްގަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އެގޮތަށް ބުނުމުން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަމެއް ނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތަށް ބުނެވެނީ ކިހިނަކުންތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް ބައްލަވަނީ ގާނޫނުގެ ވަކި ބައެއްތޯ ވިދާޅުވެ، ގަވާއިދު ނެތީސް ޝަރީއަތް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް މައުމޫން ވިދާޅުވި އެވެ.
އޭގެ ރައްދުގައި ދައުލަތުން ބުނީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގެ ޝަރީއަތް ވަކި މުއްދަތެއްގެ ތެރޭގައި ހިންގަން ޖެހޭ ކަމަށާއި ގަވާއިދު ނެތިގެން ޝަރީއަތް ހުއްޓާލާ ނަމަ އެއީ އެ ގާނޫނާ ޚިލާފްވީ ކަމަށް ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ދަންނަވާލަން ބޭނުން ދައުވާލިބޭ ފަރާތުން ބައްލަވަނީ ގާނޫނުގެ ވަކި ބަޔަކަށްތޯ؟ މި ގާނޫނުގައި އެބަ ލާޒިމްކުރޭ ބަންދުގައި ތިބޭ މީހުންގެ ޝަރީއަތް ވަކި މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދަން،" ދައުލަތުގެ ވަކީލާ އައިޝަތު ވިދާޅުވި އެވެ.
ދައުލަތުން އެގޮތަށް ބުނުމުން މައުމޫން ވަނީ ޕީޖީގެ މަގާމު ހުސްކޮށް އޮތް ދުވަސްވަރު ޕީޖީގެ ވަކީލުން ކޯޓުތަކަށް ދާން ދެކޮޅު ހެދި މައްސަލަ މިސާލެއްގެ ގޮތުގައި ނަންގަވައިފަ އެވެ. އޭރު ޕީޖީއަކަށް ހުންނެވި އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވުމުން ޕީޖީ އައްޔަން ކުރަންޖެހޭ މުއްދަތު ހަމަވިއިރު ވެސް ޕީޖީއަކު ނެތުމުން ވަކީލުން ކޯޓުތަކަށް ދާން ދެކޮޅު ހެދުމުން ޝަރީއަތްތައް ހުއްޓުނު ކަން މައުމޫން ފާހަގަކުރެއްވި އެވެ. ފަހުން ވަކީލުން ކޯޓުތަކަށް ދާން ފެށީ ސުޕްރީމް ކޯޓުން އަމުރު ނެރުމުން ކަން ވެސް މައުމޫން ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ އޭރު ޕީޖީ ވަކީލުން އަމަލުކުރި ގޮތަކީ މި މައްސަލައާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށެވެ. އެހެންވެ އެކަމާ މެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ދެވަނައަށް އެންމެ ބޮޑު ބަހުސަކަށް ދިޔައީ ރިޝްވަތުގެ ފައިސާ ބެހި ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރަކު އެއްބަސްވުމުން ވެސް އޭނާއާ މެދު ފިޔަވަޅު ނާޅައި، އެފަދަ ތުހުމަތެއްގައި ފާރިސަށް ދައުވާ ކުރުމަކީ ހަމަހަމަ ކަމާ ޚިލާފް ކަމެއް ކަމަށް ބުނެ ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށެވެ. އެ ހުށަހެޅުމުގައި އިޝާރާތް ކޮށްފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ދެއްކެވި ވާހަކައަށެވެ.
ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާއިރު އެ މެމްބަރާ މެދު އެއްވެސް ފިޔަވަޅު ނާޅައި، ފާރިސަށް ދައުވާ ކުރަނީ ކޮން އުސޫލަކުންތޯ ވަކީލް މައުމޫން ސުވާލު އުފެއްދެވި އެވެ.
"އެއް މެމްބަރަކީ ރިޝްވަތުގެ ފައިސާ ބެހި ކަމަށް އެއްބަސްވި ބޭފުޅެއް. އަހުމަދު ފާރިސް މައުމޫނަކީ އެ ތުހުމަތަށް އިންކާރު ކުރެއްވި ބޭފުޅެއް. އެއްބަސްވި ބޭފުޅާ އަދިވެސް އެ ހުންނެވީ މިނިވަންކަމާ އެކު. އެކަމަކު ފާރިސް މި ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި. މިއީތޯ ދެ މައްސަލާގައި އޮތް ތަފާތު ކަމަކީ؟." މައުމޫން ސުވާލު ކުރެއްވި އެވެ.
އޭގެ ޖަވާބުގައި ދައުލަތުން ބުނީ އެ މައްސަލަ ތަހުގީގީ އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.
މިއަދަށް ކަނޑައެޅި ވަގުތު ހަމަވިއިރު ދެ ފަރާތުން ބަހުސްކޮށް ނިމުނީ ފާރިސްގެ ފަރާތުން ހުށަހެޅި ހަ ހުށަހެޅުމަކަށެވެ. އެހެންވެ ބާކީ ހުރި ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމަށް އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އައިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. އެ މައްސަލާގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.