24 އޮކްޓޯބަރ 2017 - 14:37

ގާޒާ (އޮކްޓޯބަރު 24) - އެއް ހަށިގަނޑުން ގުޅިފައިވާ ފަލަސްތީނުގެ ގާޒާގެ ދެ ކުދިން ފަރުވާ އަށް ބޭރަށް ނުގެންދެވިއްޖެ ނަމަ އެ ކުދިންގެ ފުރާނަ އަށް ނުރައްކާވާނެ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

ގާޒާގެ ޝިފާ ހޮސްޕިޓަލުގެ ޑރ. އާލަމް އަބޫ ހަމްދާ ވިދާޅުވީ ފަލަސްތީނުގައި ހުރި ސިއްހީ ވަސީލަތްތަކުން އެއްހަށިގަނޑުން ގުޅިފައިވާ ދެ ކުދިން ވަކިކޮށް ފަރުވާ ދެވެން ނެތް ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ވިހޭ ދެކުދިން ގުޅިފައި ވަނީ ބަނޑުންނެވެ.
"އެ ކުދިންގެ ލިވާ އަށް ވަނީ ނުރައްކާ ބޮޑުވެފައި. އެއީ ވަރަށް އުނދަގޫ ހާލަތެއް،" ޑރ. އަބޫ ހަމްދާ ވިދާޅުވި އެވެ. "އެ ދެ ކުދިން ވީހާވެސް އަވަހަށް ބޭރަށް ގެންދެވިއްޖެ ނަމަ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑުވާނީ. އެއް ކުއްޖެއްގެ ހާލަތު މިހާރު ވެސް ދަށް."
ގާޒާ އަށް ވަދެ ނުކުމެ އުޅުން ކޮންޓްރޯލް ކުރާ އިޒްރޭލް ސިފައިން ބުނެފައި ވަނީ އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިން ބޭރަށް ގެންދިއުމުގެ ހުއްދަ އަށް އެދި އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.
ޑރ. ހަމްދާ ވިދާޅުވީ ދެ ކުދިންނަށް ފަރުވާ ދިނުމުގެ ފުރުސަތު އިޒްރޭލް، އެމެރިކާ އަދި ސައުދީން ތަނަވަސްވެފައިވާ ކަމަށެވެ. ގާޒާގައި މިދިޔަ ނޮވެމްބަރު މަހު ވިހޭ އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިން ފަހުން ވަނީ މަރުވެފަ އެވެ.