27 އޮކްޓޯބަރ 2017 - 06:09

ހޮލީވުޑްގެ ނުފޫޒު ފަދަ ޕްރޮޑިއުސަރު ހާވީ ވެއިންސްޓީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ ވާހަކަ ހޮލީވުޑްގައި ގަދަވެފައި ވަނިކޮށް، މަޝްހޫރު ޑައިރެކްޓަރު ރޯމަން ޕޮލަންސްކީއާ ދެކޮޅަށް އަނެއްކާ ވެސް ހަމަ ޖިންސީ ތުހުމަތުތަކެއްކޮށްފި އެވެ.
ކެލިފޯނިއާގެ އާޓިސްޓެއް ކަމަށްވާ އުމުރުން މިހާރު 75 އަހަރުގެ މެރިއަން ބާނާޑް ވަނީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައި ޕޮލަންސްކީގެ ޖިންސީ ޝިކާރަކަށްވެ، އޭގެ ސަބަބުން ނަފުސާނީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ އިނގިރޭސިވިލާތުގެ ދަން ސަން އަށް އެ ވާހަކަތައް ކިޔައި ދީފަ އެވެ.
އޭނާ ބުނީ ޕޮލަންސްކީގެ ވަކިތަކުގެ ދަށުގައިވީ އޭނާއާ ބައްދަލު ކުރަން 1975 ގައި މަންމައާ އެކު މަލިބޫ އަށް ކުރި ދަތުރެއްގެ ތެރޭގައި ކަމަށެވެ. މެރިއަން ކިޔައި ދިން ގޮތުގައި އެ ބައްދަލުވުމުގެ ތެރޭގައި ޕޮލަންސްކީ އޭނާގެ ފޮޓޯ ވަރަށް ގިނަ އަދަދަކަށް މަލިބޫގެ އަތިރިމަތީގައި ނެގި އެވެ. އަދި އެންމެ ފަހުން އޭނާ ލައިގެން ހުރި އަންނައުނު ބާލަން މަޖުބޫރުކޮށް، ޕޮލަންސްކީ އޭނާއާ ބެހުނީ ކަމަށް މެރިއަން ބުންޏެވެ.
"މި ހުރިހާ ކަމެއް ހިނގީ މަންމަ އަހަރެން އޭނަ ކައިރީ ބަހައްޓާފައި ދިޔަ ފަހުން. އަހަންނަކަށް މަންމަ ދިޔަ ތަނެއް ނޭނގޭ،" މެރިއަން ބުންޏެވެ. "ވަރަަށް ހިތްދަތިވި ދަނޑިވަޅެއް އެއީ."
އޭނާ ބުނީ މިހާ ޒަމާންކޮށްފައި ވެސް މި ވާހަކަ ދައްކަން ޖެހުނީ ހޮލީވުޑްގެ ނުފޫޒު ގަދަ މީސްމީހުންގެ އަތްދަށުގައި އެތައް ބަޔަކުވެފައިވާތީ، އިންސާފު ހޯދަން ކަމަށެވެ. މި މައްސަލާގައި ވާހަކަ ދެއްކުމަށް ފަހު މެރިއަން ބުނީ ހާވީއާ ދެކޮޅަށް ފިޔަވަޅު އެޅި ގޮތަށް ޕޮލަންސްކީ އަށް ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް އިން ޕޮލަންސްކީ ދުރުކުރުމަށް މެރިއަން ވަނީ ގޮވާލައިފަ އެވެ.
އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް 1977 ގައި ސާބިތުވެ 90 ދުވަހުގެ ޖަލު ހުކުމެއް އިއްވައި 42 ދުވަހު ޖަލު ހުކުމް ތަންފީޒު ކުރި ޕޮލަންސްކީ، 84، ނެރުނު ބަޔާނެއްގައި ވަނީ މެރިއަން އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ދޮގުކޮށްފަ އެވެ.
"އެ ބުނާ މީހަކު އަހަރެންގެ މައްޗަށް ކުރަނީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް،" ޕެރިހުގައި މިހާރު ދިރިއުޅޭ ޕޮލަންސްކީ އީ-ނިއުސް އަށް ބުންޏެވެ. "އެ ވާހަކަތަކަށް އަހަރެން އިންކާރު ކުރަން."
"ޕިއާނިސްޓް" އާއި "ޗައިނާޓައުން" ފަދަ މޮޅެތި ފިލްމްތައް ހަދާފައިވާ ޑައިރެކްޓަރު ބުނީ އެ ބުނާ އަންހެނެއްގެ ވާހަކަ ދުވަހަކު ވެސް އަޑު ނާހާ ކަމަށާއި އެއީ ކާކުކަން ވެސް ނޭނގޭ ކަމަށެވެ.
ކޮންމެއަކަސް މެރިއަން ދެއްކި ވާހަކަތަކާ އެކު، ޕޮލަންސްކީއާ ދެކޮޅަށް އިތުރު އަންހެނުންތަކެއް ނުކުތުމަކީ ވެސް ވެދާނެ ގޮތެކެވެ. ހާވީގެ މައްސަލަ ފެންމަތިވިވުމާ އެކު، އެތައް ބަޔަކު ނުކުމެ ވަނީ އޭނާއާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.