މިއަހަރުގެ މިހާތަނަށް އުރީދޫއަށް ލިބުނު އާމްދަނީ 13 ޕަސެންޓް އިތުރުވެއްޖެ
މިއަހަރުގެ މިހާތަނަށް އުރީދޫއަށް ލިބުނު އާމްދަނީ 13 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހުގެ ނިޔަލަށް އުރީދޫ މޯލްޑިވްސްއަށް ލިބުނު އާމްދަނީ 13 ޕަސެންޓް އިތުރުވެއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުންޏާ ހަވާލާދީ، މުއާސަލާތީ ހަބަރުތައް ގެނެސްދޭ ޓެލެކޮމް ޕޭޕަރުގައި ބުނެފައި ވަނީ އެ ކުންފުންޏަށް މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 27 މިލިއަން ކުވައިތު ދީނާރު) ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 1.2 ބިލިއަން ރުފިޔާ (23.8 މިލިއަން ކުވައިތު ދީނާރު) ކަމަށް ވެސް އެ ނޫޙުގައި ބުނެފައިވެ އެވެ.

ޓެލެކޮމް ޕޭޕަރުގައި އެ ކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ބައެއް ހިސާބުތައް އާއްމުކުރި ނަމަވެސް އެ ކުންފުނިން ރަސްމީކޮށް އެ މައުލޫމާތުތައް އަދި އާއްމު ނުކުރެ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ހިސާބުތައް އާއްމުކުރާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ސީއެމްޑީއޭގެ ގަވައިދު ބުނާ ގޮތުން ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ކުއާޓަލީ ރިޕޯޓު އާއްމުކުރަން ޖެހެނީ ކުއާޓާ ނިމިގެން ޖެހިގެން އަންނަ މަހުގެ 30ގެ ކުރިންނެވެ. އެގޮތުން މިދިޔަ ކުއާޓަރުގެ ރިޕޯޓް އާއްމުކުރަން ޖެހޭނީ މިމަހުގެ 30ގެ ކުރިންނެވެ.

އެ ނޫހުގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރު ނިމުނުއިރު އުރީދޫ މޯލްޑިވްސްގައި މިހާރު 400،000 ކަސްޓަމަރުން އެބަތިބި ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ޓެލެކޮމް ޕޭޕަރުގައި ބުނެފައިވެ އެވެ.