24 އޮކްޓޯބަރ 2017 - 13:32

މިހާރު ކުރިއަށް ގެންދާ އެސްއެސްއީ އިމްތިހާނުގެ އިސްލާމް ޕޭޕަރު ލީކުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވާތީ، އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތަރު ޓީޗަރެއްގެ ފޯނާއި ލެޕްޓޮޕް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ޣާޒީ ސްކޫލުގެ ޓީޗަރަކާއި ނައިިފަރު ސްކޫލުގެ ދެ ޓީޗަރެއްގެ ފޯނާއި ލެޕްޓޮޕް މިއަދު ވަނީ ފުލުހުން އަތުލައިފަ އެވެ.
އެނގިފައިވާ ގޮތުގައި ޓެސްޓު ޕޭޕަރު ލީކުވި ކަމަށް ބުނެ ޓީޗަރުން ފޭސްބުކްގައި ޖެހި ލިޔުމަކާ ގުޅިގެން އެ މީހުން ވަނީ މަސައްކަތުން ވެސް އެކަހެރިކޮށްފަ އެވެ.
ހަތަރު ޓީޗަރެއްގެ ފޯނު ހިފެހެއްޓުމަށް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން ސޯޝަލް މީޑިއާގައި ޓީޗަރުން ފެތުރި މި ދޮގު މައުލޫމާތުގެ ސަބަބުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ބަދުނާމުވެފައިވާތީ ފޯނާއި ލެޕްޓޮޕް ހިފެހެއްޓީ އެކަމާ ގުޅޭ ގަރީނާ ހޯދުމަށެވެ.
"މިހާރު" އާ ވާހަކަ ދެއްކި، މި މައްސަލައިގައި ތުހުމަތު ކުރާ ޓީޗަރަކު ބުނީ މި އަހަރުގެ އިސްލާމް ޕޭޕަރު ތައްޔާރު ކުރީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ސީއެޗްއެސްއީގެ ޓީޗަރުން ކަމަށާއި ކަރުދާސް ހެދުމަށް ފަހު، ދަރިވަރުން ދަސްކުރަންވީ ފިލާވަޅުތައް އެ ސްކޫލުގެ ކުދިންނަށް ޓީޗަރުން ފާހަގަކޮށް ދިން ކަމަށެވެ. އަދި އެހެން ސްކޫލުތަކަށް ގޮސް ވެސް، އިމްތިހާނުގައި ހުރި ބައެއް ސުވާލުތައް ދަރިވަރުންނަށް ކިޔައިދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
"ބައެއް ކުދިންނަށް ޓިއުޝަން ދީ، އިމްތިހާނުގައި ހުރި އެ ސުވާލުތައް އެބަހުރި ދަރިވަރުންނަށް ކިޔައިދީފައި،" އެ ޓީޗަރު ބުންޏެވެ.
އޭނާ ބުނީ އިމްތިހާނު ކަރުދާސް ހެދުމަށް ބޮޑު އަގެއްގައި އޭނާއަށް ވެސް ހުށަހެޅި ކަމަށާއި އެކަމަކު އިސްލާމް ކިޔަވައިދޭ ޓީޗަރަކަށް ވުމުން، މަސްލަހަތު ފުށުއަރާނެތީ އެކަމުގައި އޭނާ ބައިވެރިވާން ދެކޮޅު ހެދި ކަމަށެވެ.
"މި ގޮތަށް ކަންތައްތައް ދިމާވުމުން ގިނަ ޓީޗަރުން މިހާރު ބޭނުމެއް ނުވޭ ޕޭޕަރު މާކު ކުރަން ދާކަށް ވެސް. މާކު ނުކުރާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ޓީޗަރުން މިހާރު ވަނީ ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފައި،" އެ ޓީޗަރު ބުންޏެވެ.
މި މައްސަލަ ފެންމަތިވުމާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެތަނުން ބުނިގޮތުގައި އިމްތިހާނު ކަރުދާސް ތައްޔާރުކޮށް ބަލަހައްޓަނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ޓީމަކުންނެވެ.