ހިއުމަން ޓްރެފިކިން މައްސަލައެއްގައި މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ހައްޔަރުކޮށްފި
ހިއުމަން ޓްރެފިކިން މައްސަލައެއްގައި މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު، އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކިންއާ ގުޅުން ހުރި މައްސަލައެއްގައި އުމުރުން 49 އަހަރުގެ މީހަކު ހައްޔަރު ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ޖެހިގެން އައި ދުވަހު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ހައްޔަރުކުރީ މަޖިލީހުގެ މުވައްޒަފެއް ކަމެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކުރީ އަލީ ނަޖީބު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ މުވައްޒަފެކެވެ.

ނަޖީބު ހައްޔަރު ކުރިއިރު، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ލިޔެކިޔުންތައް ގެންދިޔަ ކަން ވަނީ އެނގިފަ އެވެ.

އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިން އަކީ ގަވާއިދާ ހިލާފަށް މީހުން އެއްތަނުން އަނެއް ތަނަށް ގެންގޮސް، ގަދަކަމުން މީހުން ލައްވައި މަސައްކަތް ކުރުވުމެވެ. އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ވަރަށް ބޮޑަށް މަދުކަމަށް ސަރުކާރުން ބުނެ އެވެ.