ހިތުގެ ލޯވަޅުތައް ބެއްދީ ދެމޭ ރަބަރު ފޮތިން
ހިތުގެ ލޯވަޅުތައް ބެއްދީ ދެމޭ ރަބަރު ފޮތިން

ރައިލީ ކްރިސްޓީ އުފަންވީއިރު ހިތުގައި ފަސް ލޯވަޅު ހުއްޓެވެ. ނަމަވެސް ޑޮކްޓަރުން މި ހުރިހާ ލޯވަޅުތައް ބެއްދުމަށް ވަރަށް އުނދަގޫ އެކަމަކު ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. މި ކުއްޖާގެ ހިތުގައި ހުރި ލޯވަޅުތައް ބައްދަން ބޭނުންކުރީ ވިއްސާރަކޯޓު ހަދާފައި ހުންނަ މެޓީރިއަލްގެ ފޮތި ބޭނުންކޮށްގެންނެވެ.

ދަރިފުޅު އުފަންވި އިރު އެއްވެސް މައްސަލައެއް ނެތް ކަމަށް މަންމަ ވެލަރީ ކްރިސްޓީ ހީކުރި އެވެ. ނަމަވެސް އެންމެ ތިން ދުވަހުގެ ތެރޭގައި ދަރިފުޅުގެ ފުރާނައަށް ނުރައްކާވާ ހާލަތަށް ދިޔަ އެވެ. މާ އަވަސް އަވަހަށް މާ ބާރަށް ނޭވާ ލެވެން ފެށި އެވެ.

ސްކޮޓްލެންޑްގެ ޑަންޑީގައި ދިރިއުޅޭ ކްރިސްޓީ ބުނި ގޮތުގައި މާބަނޑު ދުވަސްވަރު ވެސް އެއްވެސް މައްސަލައެއް ހުރިކަމެއް ފާހަގައެއް ނުކުރެވެ އެވެ. ނަަމަވެސް އުފަންވިތާ އެންމެ ތިން ދުވަސް ތެރޭ ދަރިފުޅު އޮތީ އިންޓެންސިވް ކެއާގަ އެވެ. ވާގޮތެއް ނޭނގެ ޑޮކްޓަރުންނަކަށް ވެސް އެވެ.

ފަހު ޑޮކްޓަރުންނަށް ހޯދުނު ގޮތުގައި ރައިލީގެ ހިތުގައި ލޯވަޅުތަކެއް ހުރީ އެވެ. މިކަމުގެ ސަަބަބުން ފުއްޕާމެއަށް ލޭ ފޮނުވައިދިނުމަށް މައްސަލަތަކެއް ދިމާވެފައިވެ އެވެ. މިއީ ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ އިތުރުވާ ކަމެކެވެ.

ރައިލީއަށް ދިމާވެފައިވާ މައްސަލަތައް އާއްމުކޮށް ހުންނަ ކުދިންގެ ހިތުގައި ހުންނަ ލޯވަޅުތައް، އުފަންވާއިރު ހުންނަނީ ބެދިފަ އެވެ. ނަމަވެސް ރައިލީގެ ހުރީ ނުބެދި އެވެ.

ރައިލީ ސަލާމަތްވާން އަންނަނީ އޯޕަން ހާޓް ސާޖަރީއެއް ހަދައިގެން ލޯވަޅުތައް ބައްދައިގެން ކަމަށް ޑޮކްޓަރުން ކްރިސްޓީ ގާތު ބުންޏެވެ. އެގޮތުން ރައިލީގެ އުމުރުން 11 ހަފުތާގައި ޑޮކްޓަރުން އޭނާގެ ހިތް އޮޕަރޭޝަންކޮށް ލޯވަޅުތައް ބެއްދި އެވެ. ލޯވަޅުތައް ބައްދަން ޑޮކްޓަރުން ބޭނުންކުރީ ގޯ-ޓެކްސް ނަމަކަށް ކިޔާ ވޯޓާޕްރޫފް ފެބްރިކެކެވެ.

ހިތުގެ އޮޕަރޭޝަންގައި ގޯ-ޓެކްސް ބޭނުންކުރީ އެއީ ވަރަށް ބޮޑަށް ދެމޭ އެއްޗަކަށް ވެފައި އޭގައި ހަނީކޮމްބް ސްޓްރަކްޗާއެއް ހުންނާތީ އެވެ. މީގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުގައިވާ ސެލްތައް އޭގެ އެތެރޭގަ އާއި ވަށައިގެން އުފެދެ އެވެ. މިއީ މިހާރު މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެއްޗެކެވެ.

އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގައި ދެ އިންފެކްޝަނެއް ޖެހި އެ ދެ އިންފެކްޝަނުން ވެސް ރައިލީ ވަނީ ސަލާމަތް ވެފަ އެވެ. މިހާރު މަންމައާ އެކު ރައިލީ ގެއަށް ދިޔަ ނަމަވެސް ހޮސްޕިޓަލުން އޭނާ މޮނިޓަކުރަމުން ގެންދެ އެވެ. އެއީ ހިތުގެ ހިނގުން އެއްވަރެއްގައި ބެހެއްޓުމަށް ލައްވާފައިވާ ޕޭސްމޭކާއިންނެވެ. އަދިވެސް ރައިލީގެ ހުރިހާ މައްސަލަތަކެއް ހައްލެއް ނުވެ އެވެ. ހިތުގައި ބްލޮކެއް އިނުމުގެ އިތުރުން ހިތުގެ ރިދަމް ވެސް ނޯމަލްއެއް ނޫނެވެ.

ވެލަރީ ބުނި ގޮތުގައި ދަރިފުޅު ވަރަށް ޅަފަތުގައި އެ ވަނީ ވަރަށް ވަރުގަދަ ހަނގުރާމަތަކަކާ ކުރިމަތިލައި އެ ހަނގުރާމަތައް ކާމިޔާބުކޮށްފަ އެވެ.

މިހާރު ރައިލީގެ މޭ މަތީގައި ވަރަށް ވަރުގަދަ ދެ ލަކުނު އެބަހުއްޓެވެ. ބައެއް މީހުން ބުނަނީ މިއީ އޭނާ ބޮޑުވެގެން ލަދުގަންނަން ޖެހޭނެ ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް ރައިލީގެ މަންމަ އެގޮތަކަށް ނުދެކެ އެވެ. އޭނާ ބުނި ގޮތުގައި އެ ލަކުނުތަކަކީ ރައިލީގެ ހިތްވަރުގަދަ ކަމުގެ ނިޝާން ތަކެކެވެ.