ރޮހިންޖާ ރެފިއުޖީންނަށް 20 މިލިއަން ޑޮލަރު ސައުދީން ދެނީ
ރޮހިންޖާ ރެފިއުޖީންނަށް 20 މިލިއަން ޑޮލަރު ސައުދީން ދެނީ

ޖެނީވާ (އޮކްޓޯބަރު 24) - މިއަންމާގެ ރޮހިންޖާ ރެފިއުޖީންނަށް އެހީވާން ޖެނީވާގައި އިއްޔެ ފެށި ބައްދަލުވުމުގައި ސައުދީ އަރަބިއާ އިން ވަނީ އެހީގެ ގޮތުގައި 20 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފަ އެވެ.

އެ ބައްދަލުވުމުގައި ސައުދީ އަރަބިއާ ތަމްސީލް ކުރަނީ ކިންގް ސަލްމާން ސެންޓަ ފޯ ރިލީފް އެންޑް ހިއުމެނިޓޭރިއަން ވޯކްގެ ފަރާތުންނެވެ. ޑޮނާސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސަލްމާން ސެންޓަރުގެ ރައީސް ޑރ. ޔަހުޔާ އަލް ޝައްމާރީ ވަނީ ދުނިޔެ އަށް ދިމާވާ ހިތާމަވެރި ހާދިސާތަކުގައި އެހީ ދިނުމުގައި ސައުދީ އަރަބިއާ އަބަދުވެސް އެންމެ ކުރީގައި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. ރޮހިންޖާ މުސްލިމުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ ސައުދީ ސަރުކާރުން 66 މިލިއަން ޑޮލަރު ދީފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. މިއަންމާގެ ރޮހިންޖާ ރެފިއުޖީންގެ ތެރޭން ތިން ލައްކައެއްހާ މީހުން ސައުދީގައި ދިރިއުޅެ އެވެ. އެ މީހުން ސައުދީ އަށް އެތެރެވާން ފަށާފައި ވަނީ މީގެ ސާޅީހަކަށް އަހަރު ކުރިންނެވެ.

ޑރ. ޔަހުޔާ ވިދާޅުވީ ބަންގްލަދޭޝްގައި އުޅޭ ރޮހިންޖާ މީހުންނަށް މިހާތަނަށް 100 ޓަނުގެ އެހީ ސައުދީން ފޮނުވާފައިވާ ކަމަށެވެ.

އަނެއްކޮޅުން ކިންގް އަބްދުﷲ ފައުންޑޭޝަނުން ވަނީ ރޮހިންޖާ 76،000 ކުދިންނަށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔުނިސެފާ ގުޅިގެންނެވެ.

އެހީދޭ ޖަމާއަތްތަކުން ބުނެފައި ވަނީ ރޮހިންޖާ ރެފިއުޖީންނަށް 434 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ޖެނީވާގައި ފެށި ބައްދަލުވުން ސްޕޮންސާކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން އާއި ކުވޭތުންނެވެ. ބައްދަލުވުން ބޭއްވީ ރޮހިންޖާ މީހުންނަށް ބޭނުންވާ 434 މިލިއަން ޑޮލަރު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. ކޮންފަރެންސްގެ ކުރިން އެކި ފަރާތްތަކުން ވަނީ 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން އިން އިއްޔެ ވަނީ އިތުރު 30 މިލިއަން ޔޫރޯ ދޭނެ ކަމަށް ބުނެފަ އެވެ.