26 އޮކްޓޯބަރ 2017 - 06:17

ފިލްމީ ދާއިރާގައި ކޭމްޕް ހަދައިގެން އުޅޭ ސްޓޫޑިއޯތަކާއި އެ މީހުންގެ ފިލްމްތަކުން އާންމުކޮށް ފެންނަ ތަރިންގެ ލިސްޓެއް ހަދާ ނަމަ އެކަންކޮށްލަން ވަރަށް ފަސޭހަ ވާނެ އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމްތަކުން އާންމުކޮށް ސަޕޯޓިން ރޯލްތަކުން ފެންނަ ބައެއް އެކްޓަރުންނަކީ އެ ސްޓޫޑިއޯގެ ފިލްމަކުން ނޫނީ އެއްގޮތަކަށް ވެސް ނުފެންނަ އެކްޓަރުންނެވެ.

އެއީ އެހެން ސްޓޫޑިއޯއެއްގެ ފިލްމަކުން ފުރުސަތު ނުލިބިގެން ވާ ކަމެއްތޯ ޔަގީންކޮށް ބުނާކަށް ނޭނގެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ ރާއްޖޭގެ މި ކުޑަކުޑަ އިންޑަސްޓްރީގައި ކޭމްޕް ހަދައިގެން އުޅުމަކީ ހަމަ ހަގީގަތެއް ކަމެވެ.
ކޮންމެއަކަސް ޑާކް ރެއިންގެ އާންމު މޫނެއް ކަމަށްވާ އަލީ ޝަޒްލީމް މިހާރު މި ފުރަތަމަ ފަހަރަށް އެހެން ސްޓޫޑިއޯއެއްގެ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރާ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" އެވެ. ސިއްރު މަރެއްގެ ވާހަކަ ކިޔައިދޭ މި ފިލްމްގައި ޝަޒްލީމް ފެންނާނީ ފުލުހެއްގެ ރޯލުންނެވެ.
އެހެންވެ މިއީ އޭނާ ކުރިން ފެނިފައި ހުރި ރޯލްތަކާ ވަރަށް ތަފާތު ރޯލަކަށް ވާނެ އެވެ. މީގެ ކުރިން އޭނާ ފެނިފައި ހުރީ ތަންކޮޅެއް ސީރިއަސްކަން ކުޑަ، މަޖާ ރޯލްތަކުންނެވެ. ޝަޒްލީމަކީ ޑާކް ރެއިންގެ ހުޅުދާން (2014)، އެންމެ ފަހު ވިންދާ ޖެހެންދެން (2015)، ވާށޭ މަށާއެކީ (2016) އަދި މި އަހަރު ރިލީޒް ކުރި "މީ ލޯތްބަކީ" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ.
އެ ސްޓޫޑިއޯގެ ބޭރުގެ ފިލްމަކުން އޭނާ ދެކިލަން ބޭނުންވާ މީހުންނަށް ހަމަ ޔަގީނުން ވެސް "ދެވަންސޫރަ" ވެގެން ދާނީ ހާއްސަ ފިލްމަކަށެވެ. މި ފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި އެންވިޝަން އެންޓަޓައިންމަންޓް އަދި ގްރީން ސްޓޫޑިއޯ ގުޅިގެން ހަދާ ފިލްމެކެވެ.
ޑާކް ރެއިނުން "ބޭރުވެ" އެހެން ބައެއްގެ ފިލްމެއްގައި ޝަޒްލީމް މިހާރު މަސައްކަތް ކުރާތީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ ފޭސްބުކްގައި އެކަން ފާހަގަކޮށްފަ އެވެ. ޑައިރެކްޓަރު އަލި ޝިފާއު ޓެގްކޮށް، ޝަޒްލީމް ހިމެނޭ "ދެވަންސޫރަ" ގެ ޕޯސްޓަރެއް ޕޯސްޓްކޮށް މޮގާ ބުނަނީ މިހެންނެވެ؛ މަޖަލަކަށް އޭނާ ބުނެފައި ވަނީ އަހަރެމެންގެ އެޖެންޓަކީ މިހާރު ބޮޑު ފުލުސް އޮފިސަރެއް ކަމަށެވެ.
"ދޯ" އަށް ދާދު ފަހުން ޝަޒްލީމް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޑާކް ރެއިންގެ ފިލްމްތަކުން އެކަނި މިހާތނަށް ފެނުނަސް އޭނާއަކީ އެ ސްޓޫޑިއޯ އަށް އެކަނި ހާއްސަ އެކްޓަރެއް ނޫން ކަމަށެވެ.
"އޮފާއެއް ހުށަހަޅާ ކޮންމެ ބަޔަކާ އެކު މަސައްކަތް ކުރަން ހަމަ ތައްޔާރަށް މިހިރީ. ހިތްހަމަޖެހޭ ކަހަލަ ރޯލްތަކެއް ލިބޭ ކަމަށް ވަންޏާ ކޮންމެ ސްޓޫޑިއޯއެއްގެ ފިލްމެއް ވެސް ކުޅޭނަން،" އޭނާ ބުންޏެވެ.
އެހެންވީމާ "ދެވަންސޫރަ" އަކީ ފެށުމެއް ކަމަށް ބަލާނީ އެވެ.