25 އޮކްޓޯބަރ 2017 - 06:19

ވަރުން ދަވަންގެ "ޖުޅްވާ 2" އަކީ މި އަހަރު ދެ ވަނައަށް އެންމެ ރަނގަޅު ވިޔަފާރިއެއް ކުރެވުނު ފިލްމަށް ވެއްޖެ އެވެ. އެއްވަނައިގައި އޮތީ "ބަހޫބަލީ 2" އެވެ. ނަމަވެސް "ބަހޫބަލީ 2" އަކީ އަސްލު ހިންދީ ފިލްމެއް ނޫނެވެ. އެހެންވެ ހަމައެކަނި ހިންދީ ފިލްމުތަކަށް ބަލައިފި ނަމަ "ޖުޅްވާ 2" މިހާރު އޮތީ އެއްވަނައިގަ އެވެ. ކުރިން އެއްވަނައިގައި އޮތީ ޝާހްރުކް ޚާންގެ "ރައީސް" އެވެ.
މިއަހަރު ބޮލީވުޑުން ތަފާތު ކަންތައްތަކެއް ފެނުނެވެ. ފާއިތުވީ އަހަރުތަކުގައި އެންމެ ބޮޑެތި ކާމިޔާބުތައް ހޯދި އެކްޓަރުންގެ ފިލްމުތަކަށް މިއަހަރު އެދެވޭ ކާމިޔާބީއެއް ނުލިބެ އެވެ. ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އަކްޝޭ ކުމާރުގެ ފިލްމުތައް ފަހަތަށް ޖައްސާލާފައި ވަރުން ދަވަންގެ ފިލްމެއް އެއްވަނަ ހޯދުމަކީ ވެދާނެކަމަށް މީހުން ގަބޫލުކުރާ ވަރުގެ ކަމެއް ނޫނެވެ.
"ޖުޅްވާ 2" އެއް ވަނަ ހޯދީ 26 ދުވަސް ތެރޭ 137.81 ކްރޯޑު (13.78 ބިލިއަން ރުޕީސް) ލިބިގެންނެވެ. ޝާހްރުކްގެ "ރައީސް"އަށް ލިބުނީ 137.51 ކްރޯޑު (13.51 ބިލިއަން ރުޕީސް) އެވެ.
މިހާރު ބެލެވޭ ގޮތުގައި ފިލްމު ބަލާ އޯޑިއަންސްގެ ޝައުގުވެރިކަން މަޝްހޫރު ސުޕަސްޓާރުންނަށް ގެއްލި ޒުވާން އެކްޓަރުންނާ ދިމާލަށް ވަނީ އެނބުރެން ފަށައިފަ އެވެ. ޚާއްސަކޮށް ވަރުންގެ ފިލްމުތައް ބަލަން ޝައުގުވެރިވާ ގިނަ ބަޔަކު ތިބިކަން ފާހަގަކުރެވެ އެވެ. އޭގެ އެއް މިސާލަކީ މިހާތަނަށް ވަރުން ކުޅުނު ނުވަ ފިލްމުގެ ތެރެއިން އެއްވެސް ފިލްމަކަށް ނާކާމިޔާބު ވެފައި ނެތުމެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި 90ގެ އަހަރުތަކުގައި ސަލްމާން ޚާން ކުޅުނު "ޖުޅްވާ" ކަހަލަ ބްލޮކްބަސްޓާ ފިލްމެއްގެ ރިމޭކެއް ކާމިޔާބުކަމާ އެކު ކުޅެވޭނީ ވަރަށް ކުޅަދާނަ އެހާމެ ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވާ ވަރުން ކަހަލަ އެކްޓަރަކަށް އެކަންޏެވެ.
ނަމަވެސް "ޖުޅްވާ 2"ގެ އަތުން މި މަގާމު ވަރަށް އަވަހަށް ގެއްލުމުގެ ބިރު އެބައޮތެވެ. ސަބަބަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ގޯލްމާލް އެގެއިން"ގެ ހިނގުން ބާރު ކަމުންނެވެ. މިހާރު ލަފާ ކުރެވޭ ގޮތުން ހަތަރު ދުވަސް ތެރޭގައި އެ ފިލްމު 100 ކްރޯޑު (10 ބިލިއަން)ގެ މާކް ފަހަނައަޅައި ދާނެ އެވެ. އަދި ހަފުތާއެއް ތެރޭގައި "ޖުޅްވާ 2"ގެ ރެކޯޑް މުގުރާލުމަކީ އެކަށީގެންވާ ކަމެކެވެ.