04 ޖުލައި 2016 - 08:06

ސެމްސަންގުން ނެރެން ތައްޔާރުވަމުން އަންނަ ގެލަކްސީ ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިންނާނެ ކަމަށް ބުނެވެން ފަށައިފި އެވެ. ގެލަކްސީ ފޯނުތަކަށް އެކްސެސަރީޒް އުފައްދާ ކުންފުންޏަކުން ލީކުކުރި ފޮޓޯގަނޑަކުން ދައްކާ ގޮތުގައި ނޯޓް 7 ގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެެއް އިނދެ އެވެ.
ނޯޓް 7 ގައި އެވެނި މިވެނި ފީޗާތަކެއް ހުންނާނެ ކަމަށް ބުނެ ދެކެވޭ ވާހަތައް ގިނަވެފައި ވާއިރު، ލޮލުގެ ކަޅި ސްކޭންކުރުމަށް "އައިރިސް" ސްކޭނާއެއް ހިމަނާނެ ކަމަށް ބުނާ ޚަބަރެއް ވެސް ކުރިން ވަނީ ލީކްވެފަ އެވެ.
ގެލަކްސީ ނޯޓް ހަތަކާ ބެހޭ ގޮތުން ލީކުވާ ޚަބަރުތަކުގައި ބާރެއް ހުރި ނަމަ، ގެލަކްސީ އާއިލާ އަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ތައާރުފުކުރާ ފޯނަކަށް، އެ ފޯނު ވާނެ އެވެ. މައިކްރޮ ޔޫއެސްބީ ދޫކޮށް، ޔޫއެސްބީ ޓައިޕް-ސީ އަށް ހާޑްވެއާ ކުންފުނިތައް މިސްރާބުޖަހާފައި ހުރިއިރު، ސެމްސަންގް ވެސް އެ ދިމާ އަށް އެނބުރެނީ ކަމަށް ބެލެވެ އެވެ.
ސެމްސަންގް ބެލެވެނީ ހާޑްވެއާ ސިނާއަތަށް އަންނަ ބަދަލުތައް ވަރަށް ކުރިއާލައި ބަލައިގަންނަ ކުންފުންޏަކަށެވެ. އެ މީހުން ކަރުތާފެނުގައި ގެނބޭ ނުގެނބޭ ހާލަތަށް ނުގޮސް އެ ތިބީ އެހެންވެ ކަމަށް ބެލެވެ އެވެ. ސްމާޓްފޯން މާކެޓަށް ބެލި ނަމަވެސް އެންމެ ގިނައިން އެންޑްރޮއިޑް ފޯނު އުފައްދަނީ ސެމްސަންގުންނެވެ. ޕާމް އާއި ބްލެކްބެރީ އަދި އެޗްޓިސީ ފަދަ ބާރުގަދަ ކުންފުނިތައް އޮޔާ ދަމައިގަތްއިރު، ސެމްދަންގަށް ހިކިފަސް އަތުޖެހުނީ ވިންޑޯޒް އާއި ބާޑާ އަދި ޓައިޒެން ފަދަ އޮޕަރޭޓިން ސިސްޓަމްތަކަށް އުފެއްދުން މަޑުޖައްސާލުމަށް ފަހު އެންޑްރޮއިޑަށް އުފައްދަން ފެށުމުންނެވެ.
ސެމްސަންގުން ގެލަކްސީ އާއިލާ އަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ތައާރުފުކުރަނީ ރައްކާވެ ތިބިއްޔާ ދަތުރޭ ބުނަން ކަމަށް ވެދާނެ އެވެ.