25 އޮކްޓޯބަރ 2017 - 06:18

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރިލީޒްކުރި އަދަވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ މިއުޒިކަލް ޑްރާމާ "ސީކްރެޓް ސުޕަސްޓާ" އަށް ކުރި ހަރަދު ހަތަރު ދުވަހުގެ ތެރޭގައި ލިބިއްޖެ އެވެ.
ފިލްމު އުފެއްދުމާއި އިޝްތިހާރު ކުރުމަށް އަދި އެހެނިހެން ކަންކަމަށް ޚަރަދުކޮށްފައި ވަނީ 30 ކްރޯޑު (ތިން ބިލިއަން ރުޕީސް) ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. އަދި ހަތަރު ދުވަހުގެ ތެރޭގައި މި ފިލްމަށް 31.31 ކްރޯޑު (3.1 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ.
އާމިރު ޚާންގެ މަޖާ ރޯލާއި ޒާއިރާ ވަސީމްގެ ހުނަރު އެކުވުމުން "ސީކްރެޓް ސުޕަސްޓާ" އަށް ޖާދޫއެއް ފަދަ ފުރިހަމަކަމެއް ވަނީ ލިބިފަ އެވެ. އަދި ބެލުންތެރިންނަށް މި ފިލްމު ވަނީ ވަރަށް ކަމުގޮސްފަ އެވެ.
އާމިރަކީ ފިލްމު ޕްރޮމޯޓްކުރުމުގެ ކަންތައްތައް ވެސް ވަރަށް ތަފާތު ގޮތަކަށް ކުރާ އެކްޓަރެކެވެ. އެހެން ފިލްމުތައް ޕްރޮމޯޓްކުރާ ގޮތަށް ރިއަލިޓީ ޝޯތަކުގައި ފިލްމުގެ ތަރިން ބައިވެރި ކުރުމަކީ އާމިރުގެ އުސޫލެއް ނޫނެވެ. އޭނާ ބަލަނީ އެހެން ގޮތްގޮތުން ބެލުންތެރިންގެ ހިތްދަތި ފިލްމަށް ލަންބާލެވޭތޯ އެވެ.
"ސީކްރެޓް ސުޕަސްޓާ"ގެ ވިޔަފާރި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައީ ފިލްމު ބެލި މީހުން އެ ފިލްމުގެ މޮޅު ވާހަކަ ދައްކާތީ އެވެ.
އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ އިންސިޔާ ނަމަކަށް ކިޔާ ކަޝްމީރު އަންހެންކުއްޖަކު މަޝްހޫރު ލަވަކިޔުންތެރިއަކަށް ވާހިތުން ކުރާ ބުރަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.